17 Nov 2020, 12:58
ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރާނެކަން ހާމަކޮށްފައިވާ ވިކްޓަރ ފޮންޓްއަށް އެ މަގާމު ލިބިއްޖެ ނަމަ ޕީއެސްޖީން ނޭމާ އެނބުރި ނުގެންނާނެ ކަމަށް އޭނާ ބުނެފި އެވެ.
ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް 2017 ވަނަ އަހަރު ބާސެލޯނާ އިން، ޕީއެސްޖީއާ ގުޅުނު ފޯވާޑް އަލުން ގެނައުމަށް މިދިޔަ ދެ ސީޒަނުގައި ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ޕީއެސްޖީން ކީ އަގު ކަމަށްވާ 200 މިލިއަން ޔޫރޯ ދޭން ބާސެލޯނާ އެއްބަސްނުވީ އެވެ. އަދި ފަހުން ސީޒަނުގައި ނޭމާ ގެނައުމަށް ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބުވީ ކޮވިޑްގެ ސަބަބުން ކުލަބުގެ މާލީ ހާލަތު ގޯސްވުމުން ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ނޭމާ ޕީއެސްޖީން ގެނައުމުގެ މަސައްކަތް އިތުރަށް ބާސެލޯނާއިން ކުރާނެ ކަމަށް ދެން ބެލެވެން ނެތީ، އެ ކުލަބުގެ ރައީސް ކަމަށް ވާދަކުރަމުން އަންނަ ފޮންޓް އެކަމާ ދެކޮޅުކަން ހާމަކޮށްފައިވުމުންނެވެ. މިވަގުތަށް ބަލާއިރު ފޮންޓްގެ ތާއީދު ކެޓަލޫންޏާގައި އިތުރުވެފައިވާ އިރު، ބާސެލޯނާގެ އިންތިހާބު އޭނާ ކާމިޔާބު ކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ.
"އަހަރެންގެ ޕްލޭނަކު ނޭމާއެއް ނުހިމެނޭ،" ފޮންޓް ބުނެފައިވެ އެވެ. "ނޭމާ އަނބުރާ ގެނައުމަކީ މާލީ ގޮތުން ބަލާއިރު ވެސް ގެއްލުން ބޮޑު ކަމެއް. އަނެއް ކޮޅުން ކުލަބާ ދެކޮޅަށް ކޯޓަށް ދިއުމާއި، ސީޒަން ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް 2017 ވަނަ އަހަރު އޭނާ ކުލަބު ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން،"
ފޮންޓް ބުނީ، ނޭމާ ބާސެލޯނާއަށް ގެނެސްގެން ކުޅިވަރުގެ ބޭނުމަށް ފުދުނު ނަމަވެސް އިންސްޓިޓުއުޝަނަކަށް ބަލާއިރު، އެކަމަކީ ކޮށްގެން ވާނޭ ވަރު ކަމެއް ނޫން ކަމަށެވެ. އަދި އެކަަމުގެ ސަބަބުން ހީނުކުރާ ފަދަ ފާޑުކިޔުމާއި، ނުރަނގަޅު ނުފޫޒު ކުލަބަށް ފޯރާނެ ކަމަށް ފޮންޓް ވަނީ ބުނެފަ އެވެ.
ފޮންޓް ވަނީ މީގެ ކުރިން ބާސެލޯނާގެ ރައީސްގެ މަގާމަށް ހޮވިއްޖެ ނަމަ އެކުލަބުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަނބުރާ ގެންނާނެ ކަމަށް ވައުދު ވެފަ އެވެ. އެހެން ނަމަވެސް އެކަން ނުވާނެ ކަމަށާއި، ދެން ކޯޗެއްގެ ގޮތުގައި އެނބުރި ބާސެލޯނާއަށް ނުދާނޭކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ބާސެލޯނާގެ ރައީސްއަކަށް ހުރި ޖޯސެޕް މާރިއާ ބާޓޮމެއު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން އަވަސް އިންތިހާބެއް ބާއްވަން ބާސެލޯނާއިން ވަނީ ނިންމާފަ އެވެ، އެގޮތުން އެ އިންތިހާބު އަންނަ ޖަނަވަރީ މަހުގެ 24 ވަަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، ފޮންޓްގެ އިތުރުން އެ މަގާމަށް ވާދަކުރާނެ ކަން ހާމަކޮށްފައިވަނީ ކުރީގެ ރައީސް ޖޯއާން ލަޕޯޓާ އެވެ.