17 Nov 2020, 11:04
ކޮވިޑް-19 ގެ ޝިކާރައަކަށްވެ، އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒްއަށް އޭނާގެ ކުރީގެ ކުލަބް ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކުގައި އުރުގުއޭގެ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދިޔަ ސުއަރޭޒް އާއި އެ ޓީމުގެ ރޮޑްރީގޯ މުނޭޒްގެ އިތުރުން ސްޓާފެއް ކޮވިޑަށް ޕޮޒިޓިވްވެފަައިވާކަން ރޭ ވަނީ އެ ޓީމުން ހާމަކޮށްފަ އެވެ. އަދި އެއާ އެކު އެ ދެ ކުޅުންތެރިން މިހާރު ސްކޮޑުން ބާކީކޮށް، ސެލްފް އައިސޮލޭޓް ވުމަށް ވަނީ ރިލީޒް ދީފަ އެވެ.
އެހެން ކަމުން މިރޭ ވޯލްޑްކަޕް ކޮލިފައިންގްގައި ވަރުގަދަ ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗުގައި ސުއަރޭޒްއަށް ނުކުޅެވޭނެ އެވެ. އަދި އެހެންމެ އޭނާގެ ހުރިހާ ސަޕޯޓަރުން ވެސް އިންތިޒާރު ކުރަމުން އަންނަ ބާސެލޯނާއާއި އެތުލެޓިކޯ ބައްދަލު ކުރާ ސްޕެނިޝް ލީގުގެ ބޮޑު މެޗުގައި ވެސް ސުއަރޭޒް ނުފެންނާނެ އެވެ.
ހަ އަހަރު ވަންދެން ބާސެލޯނާގައި ކުޅެ އެކުލަބުގެ ލެޖެންޑަރީ ކުޅުންތެރިއެއްގެ ލަގަބު ހޯދި ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ނިމިގެންދިޔަ ޓްރާންސްފާ ވިންޑޯގަ އެވެ. ޗެމްޕިއަންސް ލީގަކާއި ހަތަރު ސްޕެނިޝް ލީގު އެ މުއްދަތުގެ ތެރޭގައި ކާމިޔާބުކޮށް، ބާސެލޯނާގެ ތާރީހީ އެތައް ރެކޯޑެއް ވެސް ހަދާފައިވާ ސުއަރޭޒްއާ މެދު ބާސެލޯނާއިން ފަހުވަގުތު ކަންތައް ކުރި ގޮތުން އެ ޓީމުގެ ކުޅުންތެރިންނާއި، ޙުދު ސުއަރޭޒް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސުއަރޭޒް ފަދަ ކުޅުންތެރިއަކަށް ދޭން ޖެހޭ އިހްތިރާމް ނުދީ ހުރުމުން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ވެސް ފާޅުގައި އެކުލަބުގެ ކުރީގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއުއަށް ފާޑު ކިޔާފައިވާ އިރު، ސުއަރޭޒް ބުނީ އެކަމާ އަދި އަދަށް ވެސް ހިތާމަ ކުރާ ކަމަށެވެ. އަދި ބާސެލޯނާ އަކީ އެންމެ ލޯބިވާ ކުލަބު ކަމަށާއި، އެކަން ބަދަލު ނުވާނެ ކަމަށް ވެސް ސުއަރޭޒް ވަނީ އޭރު ބުނެފަ އެވެ.
އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ފަހުން ސުއަރޭޒް ވަނީ މިހާތަނަށް ނުވަ މެޗެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގެ ހަ މެޗު އޭނާ ކުޅެފައިވާ އިރު ފަސް ގޯލު ވަނީ ލީގުގައި ޖަހައިފަ އެވެ. އޭނާއަށް ވުރެން ގިނަ ގޯލު ލީގުގައި މިހާތަނަށް ޖެހީ ރެެއާލް ސޮސިއެޑާޑްގެ މިކެލް އޮޔަރްޒަބަލް އެވެ. އޭނާ ހަ ގޯލު ކާމިޔާބު ކުރި އިރު ސުއަރޭޒްއަށް ވުރެން ތިން މެޗު ވަނީ އިތުރަށް ކުޅެފަ އެވެ.