22 Jan 2012, 11:47
އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދާ ސުލްހަވެރި މުޒާހަރާތަކުގައި ބައިވެރިވާ އަންހެނުންނާއި މެދު ފުލުހުން އިހާނެތިކޮށް ހިތާ މައްސަލަ ޕީޕީއެމުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައަޅައިފި އެވެ.
ޕީޕިއެމުން ޕޮލިސް އެ ކޮމިޝަނަށް އިއްޔެ ހުށައެޅި މައްސަލާގައި ބުނެފައިވަނީ ގާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ސިފައިން ހައްޔަރުކުރުމާއި ގުޅިގެން އެކަމާ އިހްތިޖާޖުކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މުޒާހަރާ ތަކުގައި ފުލުހުން އަމަލު ކުރަމުން ގެންދަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި އެއްވާ މީހުންގެ ލޮލަށް ވަރަށް ކައިރިން ފުލުހުން ސްޕްރޭ އާއި ކަރުނަގޭސް ޖަހަމުން ދާކަމަށެވެ.
"... ފުލުހުން އެމީހުންގެ ލޮލަށް ވަރަށް ކައިރިން ކަރުނަގޭހާއި ސުޕްރޭ ޖަހާ. ބޫޓުން އެ މީހުންގެ ގައިގާ ތަޅާ ހަދާ އަދި މުޒާހަރާގައި ބައިވެރިވާ އަންހެނުންނާއި މެދު ފުލުހުން އަމަލު ކުރަމުންދަނީ ވަރަށް އިހާނެތިކޮށް،" ޕީޕީއެމްގެ ސިޓީގައި ވެއެވެ.
އަދި ބުނެފައިވަނީ ބައިނަލް އަގުވާމީ ހަމަތަކަށް ބަލާއިރު އަންހެނުންނާއި މުއާމަލާތުކުރަން ޖެހޭނީ އަންހެން ފުލުހުން ކަމަށްވީ ނަމަވެސް އަންހެނުންގެ ގަޔަށް ފިރިހެން ފުލުހުން އަތްލައި ހިފަހައްޓާ ހަދާކަމަށެވެ. މުޒާހަރާ ތައް އަނިޔާވެރިކޮށް ރޫޅާލާ ކަމަށްބުނެ ޕީޕިއެމުން ވަނީ ފުލުހަށް ވެސް ވަނީ ސިޓިއެއް ފޮނުވާފައެވެ.