17 Nov 2020, 01:36
ރާއްޖޭގެ އެކި ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް މިރޭ ކުރިމަތިވި ކޮޅިގަނޑެއްގައި ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހި އެކި މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެއްލުންތައް ވެއްޖެ އެވެ.
ގާތްގަނޑަކަށް މިރޭ 10:00 އެހާކަންހާއިރު ބޯކޮށް އޮއްސާލި ވާރޭ ތުނިކޮށްލީ ދަންވަރު 12:00ގެ ވެސް ފަހުންނެވެ. އެތައް ގަނޑިއިރުތަކެއް ވަންދެއް މާލެއަށް ބޯކޮށް ވާރޭ ވެހިފައިވާއިރު އަދިވެސް މާލެއަށް ދަނީ ކެރީގެ އަސަރު ކުރަމުންނެވެ.
ބޯކޮށް ވާރޭ ވެހިފައި ވުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. އެގޮތުން ބުރުޒު މަގުގެ އިތުރުން އަމީނީ މަގުގައިވެސް ވަނީ ފެންބޮޑުވެފަ އެވެ. ބައެއް ހިސާބުތަކުގައި ގޭގެއަށް ފެންވެސް ވަނެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަމުންނެވެ.
މީގެ އިތުރުން ގަދަވަޔާ އެކު، މާލެ އާއި ވިލިމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްގަހުގެ ގޮފިތައް ވެސް ނެއްޓިގެން މަގުމައްޗަށް ވަނީ ވެއްޓިފަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް މާލެ ސަރަހައްދަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ.
މޫސުން އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މެދުރާއްޖޭގެ ސަރަހައްދުތަކަށް ވަނީ މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައެވެ. ކ. އަތޮޅާއި މ. އަތޮޅާ ދެމެދަށް ނެރެފައިވާ ޔެލޯ އެލާޓްއާއެކު އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.