ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމާއި ވިއްކުމަށް ސަރުކާރުން އުޅޭ ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބަޖެޓުގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފާގެ މަތީން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނެންސިންގެ އިންސްޓްރުމެންޓެއް ކަމަށެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި މިއަހަރުގެ ބަޖެޓުގައި އެ ސުކޫކު ހިމެނުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންތައް ސާފުކޮށްދީފައިވާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިނިިސްޓްރީއިން ބުނީ އެ ސުކޫކު ވިއްކުމަށް މަސައްކަތްކުރަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދި ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއެކު ކަމަށެވެ. އެ ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކަކަށް ވުން ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އެސެޓް ބޭސްޑް ސުކޫކަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމެވެ. އަދި އެއަށްފަހު ސުކޫކުގެ އިންވެސްޓަރުންގެ ފަަރާތުން އެސްޕީވީގެ ބެނެފިޝަލް އޯނަޝިޕްވާ އެސެޓް، ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ލީސްކުރުމެވެ.

މިނިސްޓްރީއިން ބުނީ ސުކޫކު ވިއްކުމަށްޓަކައި އެސެޓެއްގެ ގޮތުގައި ދަރުމަވަންތައް ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ހޮސްޕިޓަލު އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށެވެ. އަދި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށްވެސް މިނިސްޓްރީއިން ބުނެ އެވެ.

ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލު ރަހުނެއްވެސް ނުކުރާނެ ކަމަށް ފިނޭންސް އިން ބުނެ އެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ، 2017 ވަނަ އަހަރުގައިވެސް ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން އެފަދަ ސުކޫކު ވިއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއިރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކާ ގުޅިގެން ސުކޫކު އިޝޫކުރެވިފައި ނުވާ ކަމަށް ފިނޭންސް އިން ބުނެ އެވެ.