ބޮލީވުޑްގައި ފެންމަތުވެގެން އުޅޭ ބޮޑު ޑުރަގު ކޭހުގެ މައްސަލާގައި އެކްޓަރު އަރްޖުން ރާމްޕާލް 47، އާއި އިންޑިއާގެ ނާކޮޓިކްސް ބިއުރޯ (އެންސީބީ) އިން ހަތްގަޑިއިރު ވަންދެން ސުވާލުކޮށްފި އެވެ.

އަރްޖުން ބުނީ އޭނާއަކީ އެއްވެސް އިރެއްގައި މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫން ކަމަށާއި އަދި އެންސީބީއިން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުންދޭ ކަމަށެވެ.

ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ފެންމަތިވި ބޮޑު ޑުރަގު މައްސަލައިގައި މިހާތަނަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންތަކަކާ ވެސް މިހާތަނަށް ވަނީ ސުވާލުކޮށްފަ އެވެ.

އެންސީބީއިން އަރްޖުން އާ ސުވާލުކުރި އިރު އޭނާގެ ލޯބިވެރިޔާ ގެބްރިއެއްލާ ޑިމެޓްރިއޭޑްސް އަށް އެންސީބީއިން ވަނީ 12 ގަޑިއިރު ވަންދެން ސުވާލުކޮށްފަ އެވެ.

މީގެ ކުރިންވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންނެއް ވަނީ އެންސީބީއަށް ހާޒިރުކޮށްފަ އެވެ. އޭގެ ތެރޭގައި ބަތަލާ ދީޕިކާ ޕަދުކޯން، ޝްރައްދާ ކަޕޫރު، ސާރާ އަލީ ޚާން އަދި ރާކުލް ޕްރީތު ފަދަ ތަރިން ހިމެނެ އެވެ. އޭގެ ތެރެއިން އެއްވެސް ތަރިއަކު ޑުރަގާ ގުޅުން އޮންނާނެކަމަށް އެއްބަސްވެފައެއް ނުވެ އެވެ.