16 Nov 2020, 23:43
ކޮވިޑްގައި ރާއްޖެއިން 45 ވަނަ މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހަރަކާތް ހުއްޓިގެން މިއަދު ހަވީރު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ 72 އަހަރުގެ މީހަކު 6:36 ގައި މަރުވެފައިވާ ކަމަށެވެ.
އަދި ޕްރޮޓޮކޯލްގެ ދަށުން އެމީހާ ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށާއި، ނަތީޖާ ޕޮޒިޓިވް ކަމަށެވެ. އަދި އޭނާ މަރުވީ ކޮވިޑްގައިކަމަށް މިހާރު ވަނީ ނިންމައިފައެވެ.
މިއީ ހަފްތާއެއްގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ފަސް ވަނަ މީހާ އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ އާއި ރޭވެސް ވަނީ ކޮވިޑް ރޯގާގައި މީހަކު މަރުވެފަ އެވެ.
ކޮވިޑް ޖެހިގެން މީހުން މަރުވާ އަދަދަކީ ސީދާ އެވަގުތު ބަލީގެ ހާލަތު އޮންނަވަރު ދެނެގަނެވޭ މިންގަނޑެއް ނޫން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ވަނީ ބުނެފައެވެ.
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުނގެ އަދަދު ވެސް ވަނީ 100 އިން މައްޗަށް އަރައިފައެވެ. މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅުނީ 30 އިން ދަށުގަ އެވެ.