ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އެކައުންސިލްގައި ހިމެނިވަޑައިގެންނަވާ ޑީއާރުޕީގެ މެންބަރު މުހައްމަދު ވިޖާން މިއަދު ވަކިކޮށްފި އެވެ.

ފިއްލަދޫ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވިޖާން ކައުންސިލްގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް ނިންނީ އެކައުންސިލްގެ މެންބަރުންގެ މެދުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އަދި އޭނާ ވަކި ކުރީ ކައުންސިލްގެ ތިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ވިޖާންގެ މައްޗަށް މީގެކުރިން ވެސް ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި ރައީސް ކަމުގެ މަގާމުން ދުރުކޮށްފަ އެވެ. ނަމަވެސް އެނިންމުމަކީ ގަވާއިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ފިއްލަދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ފަލާހު މިއަދު ވިދާޅުވީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ ރައީސްގެ މަގާމުން ވިޖާން ވަކިކުރެއްވީ ގާނޫނާއި ގަވައިދާއި ހިލާފަށް ގިނަ ކަންތައްތަކެއް ނިންމަވަމުން ގެންދަވާތީ ކަމަށެވެ. އެގޮތުން ބަކަރިތަކުގެ މައްސަލައިގެ އިތުރުން ވެސް ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކުރުމުގައި ބައިވެރިނުވާތީ ކަމަށެވެ.

"ބަކަރިތަކުގެ މައްސަލާގައި ވިޖާން ވަކިކުރި އިރު އޭރު އޮތީ ޑީއާރުޕީގެ މެޖޯރިޓީއެއް. ނަމަވެސް މިހާރު މިތަނުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއެއް. އެހެންވެ އަޅުގަނޑުމެން ދެކޭ ގޮތުގައި އެމްޑީޕީގެ މެޖޯރިޓީއެއްގައި ރައީސް އަކަށް ވެސް ހުންނަން ވާނީ އެމްޑީޕީ ބޭފުޅެއް،" ފަލާހު ވިދާޅުވި އެވެ.

ވިޖާން މިއަދު ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް މިއަދު ނަގަން އުޅޭކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ރައީސްގެ މަގާމުން ވަކިކުރިކަން އަދި އަންގާފައިނުވާ ކަމަށެވެ.

"މި ސިސްޓަމް ތެރޭގައި އެބައުޅޭ މައްސަލަތަކެއް އެހެންވެ އެކަންތައް ލޯކަލް ގަވާންމަންޓް އޮތޯރިޓީން އެބަޖެހޭ ބަލަން. ގާނޫނުން ލިބިދޭ ބާރުތަކުންނާއި ލޯކަލް ކައުންސިލް ހިނގާ ގަވާއިދުތަކުގެ ތެރޭގައި އެބައުޅޭ ދެކޮޅު ނުޖެހޭ ކަންތައްތަކެއް ވެސް. މިހާރު މިބަދަލުވަމުން މިދަނީ ގާނޫނުން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ލިބުމުގައި ކައުންސިލްގެ ތެރެއިން ބަރުލަމާނީ އުސޫލަކުން،" ވިޖާން ވިދާޅުވި އެވެ.

ފިއްލަދޫ ކައުންސިލުގައި ހިމެނިވަޑައިގެންނަވަނީ އެމްޑީޕީގެ ތިން މެންބަރުންނާއި ޑީއާރުޕީގެ ދެ މެންބަރުންނެވެ.