ދެތިން ހަފްތާ ވަންދެން ދުވާލެއްގެ މައްޗަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އިން ދަށުގައި ހުރުމަށްފަހު، މިއަދު 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން 110 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 31 ދިވެހީންނާއި 79 ބިދޭސީންނެވެ.

މިއަދު މާލެ ސަރަހައްދުން އެކަނި 86 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވީ 24 މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލިޖެހުމު މީހުންގެ ޖުމްލަ ވަނީ 12،314 އަށް އަރައިފައެވެ. އޭގެ ތެރެއިން 11،316 މީހަކު ރަނގަޅުވެފައި ވާއިރު، އެކްޓިވް ކޭސްގެ އަދަދަކީ 947 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 44 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުން އަދަދު ދަށްވާން ފެށުމާއެކު ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ފަރުވާކުޑަކޮށް، ކޮވިޑާ މެދު މާ ލުއިކޮށް ދެކެމުން އަންނަ ކަމުގެ ކަންބޮޑުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ފާޅުކުރީ ރޭގައެވެ.

އަދި ކޮންމެ ދުވަހެއްގެ ނަންބަރުތައް މަދުވި ނަމަވެސް، ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވް މީހުން ފެންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށް ރޭ އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެހެންކަމުން ފިޔަވަޅުތައް ލުއިކޮށްނުލައި، ގައިޑްލައިންތަކަށް އަމަލުކުރުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.