17 Nov 2020, 08:10
"ގެމެން" މޮޑިއުލް މެދުވެރިކޮށް މިހާތަނަށް ހާހަކަށް ވުރެ ގިނަ ރެކޯޑު ޕްރޮސެސް ކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފި އެވެ.
ގެމެން މޮޑިއުލްގެ މަސައްކަތަކީ ކޮމިއުނިކޭޝަން މިނިސްޓްރީއާއި އެންސީއައިޓީ އަދި އެލްޖީއޭގެ އިތުރުން ޑީއެންއާރު، ހެލްތު މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ.
އެއީ ކައުންސިލްތަކުގެ އާބާދީގެ ރަޖިސްޓްރީއާއި ގުޅޭ މަސައްކަތްތައް ހަލުވިކޮށް ރައްކާތެރިކަމާއެކު ހަރަދުކުޑަކޮށް އިލެކްޓްރޯނިކްކޮށް ބެލެހެއްޓުމަށް ތައްޔާރުކުރި ހިދުމަތެކެވެ.
ގެމެން މޮޑިއުލް ލޯންޗުކޮށް ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ ޖުލައިމަހުއެވެ. މިނިސްޓްރީން ބުނީ މިއަދާ ހަމައަށް އައިއިރު ގެމެން މަޑިއުލުން ރާއްޖޭގެ ބޮޑެތި ހުރިހާ އާބާދީތަކެއްގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ގެމެން މޮޑިއުލް މެދުވެރިކޮށް މިހާތަނަށް 1000 އަށްވުރެ ގިނަ ރެކޯޑު ޕްރޮސެސްކުރެވިފައިވާ ކަމަށާއި އެއީ ރާއްޖޭގެ ވިހާ މަރުވާ ރެކޯޑު ބެލެހެއްޓުމުގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކައުންސިލްތަކުން އާބާދީއާއި ގުޅޭ މައުލޫމާތު ވަކިވަކިން ކަރުދާހުގައި ބެލެހެއްޓުމުގެ ސަބަބުން ރިކޯޑްތަކުގައި އެކި މައްސަލަތައް ދިމާވުމާއި، މަަސައްކަތުގައި ހޭދަކުރަން ޖެހޭވަގުތާއި ހަރަދު އިންތިހާއަށް ބޮޑު ކަމަށާއި ގެމެން މޮޑިއުލްގެ ސަބަބުން އެ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގެމެން މެދުވެރިކޮށް މުޅި ރާއްޖޭގެ ވިހާ، މަރުވާ މައުލޫމާތު އެއް ސިސްޓަމެއްގައި އެއްގަތަކަށް ބެލެހެއްޓޭނެއެވެ.
ސިއްހީ ހިދުމަތްދޭ އިދާރާތަކުން ގެމެން ސިސްޓަމަށް ވަގުތުން މައުލޫމާތު އެޅޭގޮތުން ހުރުމުން، ހެލްތު މިނިސްޓްރީން މައުލޫމާތު ކަށަވަރުކޮށް ވަގުތުން އިސްލާހުކުރަން ފަސޭހަވާނެއެވެ.
ގެމެން ގެ ސަބަބުން ޑީއެންއާރް އަށް ރާއްޖޭގެ އާބާދީއާއި ގުޅޭ މައުލޫމާތު ވަގުތުން ވަގުތައް އެނގޭނެ މަގު ވަނީ ފަހިވެފައެވެ. އެއާއެކު އާބާދީއާ ގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށް ވެސް ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ ކުރިމަގުގައި ސަރުކާރުގެ އެހެން އިދާރާތަކަށް ބޭނުންވާ އާބާދީއާއި ގުޅޭ މުހިންމު މައުލޫމާތު ފަސޭހަކަމާއެކު ލިބި، ސަރުކާރުގެ މަސައްކަތްތުގެ ދުވެއްޔާއި ފެންވަރު ގެމެން މޮޑިއުލްގެ ގެ އެހީގައި ކުރިއަށް ވުރެ ރަނގަޅުވުމަކީ އެ ޕްރޮޖެކްޓުގެ އެންމެ މައިގަނޑު މަގްސަދު ކަމަށެވެ.