16 Nov 2020, 19:30
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބޯޑު އެކުލެވިގެންވާ ގޮތާއި، އެ އޮތޯރިޓީ އޯވަސީ ކުރުމުގައި ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރުގެ ދައުރާ ގުޅޭ ފިލާވަޅެއް ނަގައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ކިބައިން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު އެދިވަޑައިގެންފިއެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް މީކާއީލް ވަނީ ހުށަހަޅުއްވައިފައެވެ. އެ މައްސަލަ ހުށަހެޅީ 10 މެމްބަރުންގެ ސޮޔާއެކު އެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ ޓެލެކޮމިއުނޭޝަން ގާނޫނުގައި ބުނާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭ އެއްވެސް ގަވައިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.
އެ ގަވައިދުތަައް ހެދުމަށް މިނިސްޓަރާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި މުވައްޒަފުން ކުރި މަސައްކަތަށް ސީދާ މިނިސްޓަރު ހުރަސް އަލުއްވާފައިވާކަން ސާފުވާ ކަމަށްވެސް ބުނެފައިވެ އެވެ.
ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހަދާ ލަސްވުމަކީ އެކަމުގެ ގެއްލުން ދައުލަތަށާއި ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށާއިމިއީ ރާއްޖޭގެ ޓެލޮކޮމް ސިނާއަތް ރެގިޔުލޭޓުކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކެއް ކަމަށްވެސް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައިވެ އެވެ.
މީކާއިލަށް ރައްދު ދެއްވައި މިނިސްޓަރު މަލީހް ވިދާޅުވީ އެ މައްސަލައިގައި ހަވާލާދީފައިވާ ގާނޫނު މާނަކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ.
"ތިޔަ މައްސަލަ ވައްދާކަމަށް ވާނަމަ ވައްދާނީ މިނިސްޓަރު ގާނޫނުއަސާސީގެ ހަތާވީސް ވަނަ މާއްދާއިން ލިބިދޭ ހައްގެއް، ވީޓީވީގެ ޕްރޮގްރާމެއްފައި ބޭނުންކޮށްގެން ކަމަށް ލިޔުއްވީމާ ރަނގަޅުވާނެ. ކޮމިއުނިކޭޝަންސް އޮތޯރިޓީ ހިނގާ ގޮތް އޮޅުންފިލުވާ،" މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބުދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖަހައި، ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުން ކަމަށެވެ.
އަދި އެ މައްސަލައިގައި މީކާއީލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ގާނޫނުން މަތިކޮށްފައިވާ ކަމެއްގެ ޒިންމާ އޭނާ އުފުލަން ނުޖެހޭ ކަމަށެވެ.
"ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭ ގަރާރެއް. މީކާއީލް ތިއޮތީ ނުވަ މެމްބަރަކު ގުއި ރޯނުގައި ޖައްސާފައި. ލަދުން ސަލާމާތްވުމަށް އަވަހަށް ސޮއި އަނބުރާ ގެންދަވާ،" މަލީހް ވިދާޅުވިއެވެ.
"ކޮމިއުނިކޭޝަންސް އޮތޯރިޓީ ހިންގުމަށް ހެދިފައިވާ ގާނޫނު، އަދި އޮތޯރިޓީގެ ބޯޑު، ސީއީއޯ އެކުލެވިގެންވާ ގޮތް، ދައުރު އަދި އޮތޯރިޓީ އޯވަސީ ކުރުމުގަ ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރުގެ ދައުރާ ގުޅޭ ފިލާވަޅެއް މީކާއީލް އަށް ނަގައިދިނުމަށް މަޖިލިސްގެ އެސްޖީ ނިއުޝާ އަށް އިލްތިމާސް ކުރަން،" މަލީހް ވިދާޅުވިއެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާއިރު ސަރުކާރު ހިންގަން ވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ވިދާޅުވެ މަލީހް ދެއްކެވި ވާހަކައަކާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަލީހާ ދެކޮޅަށް ތެދުވެފަ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ބައެއް މަޖިލިސް މެމްބަރުންނަށް ހީވާގޮތުގައި ސަރުކާރު ހިންގަނީ މަޖިލީހުންނެވެ. ނަމަވެސް ސަރުކާރު ހިންގާނެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުން އަންނަނީ މަލީހަށް ފާޑު ވިދާޅުވަމުންނެވެ.