16 Nov 2020, 19:20
ކޮވިޑް-19 އަށް މޮޑާނާއިން އުފައްދާ ކޮވިޑް-19 ވެކްސިން އިން ގާތްގަނޑަކަށް 95 ޕަސެންޓާ ހަމައަށް ރައްކާތެރިކަން ލިބިގެންދާ ކަމަށް ބައެއް ޓެސްޓުތަކުގެ ނަތީޖާތަކުން ދައްކައިފި އެވެ.
އެމެރިކާގެ މޮޑާނާއިން އެފަދަ ނަތީޖާއެއްގެ ވާހަކަ ދައްކާފައިވަނީ ފާމަސޫޓިކަލް ކުންފުނި ފައިޒާއިން އުފެއްދި ވެކްސިންއިންވެސް އެފަދަ ނަތީޖާއެއް ފެނިފައިވާ ކަމަށް އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފައިޒާއިން ބުނާގޮތުގައި އެކުންފުނީގެ ވެކްސިން ޖެހި 90 ޕަސެންޓް މީހުންގެ ގައިން ކޮވިޑްއިން ދިފާއުކޮށްދީފައިވެއެވެ.
މޮޑާނާއިން ބުނެފައިވަނީ އެކުންފުުނީގެ ވެކްސީންގެ ޓެސްޓުތަކުގެ ނަތީޖާތަކާމެދު ވަރަށް އުފާވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ ވެކްސީންގެ އެޕްރޫވަލްއަށް ހުށަހަޅާނެ ކަމަށްވެސް މޮޑާނާއިން ވަނީ ބުނެފައެވެ.
އެ ވެކްސީންގެ ކްލިނިކަލް ޓްރައިއަލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 30،000 މީހުން ބައިވެރިކޮށްގެނެވެ. އެއިން ކޮންމެ މީހަކަށް ދެ ޑޯސްގެ ވެކްސީން ވަނީ ދީފައެވެ. ފުރަތަމަ ޑޯޒް ދިނުމަށްފަހު ހަތަރު ހަފްތާއަށް ފަހުގައި އެމީހުންނަށް ދެވަނަ ޑޯޒްއެއް ވަނީ ދީފައެވެ.
މޮޑާނާގެ ޗީފް މެޑިކަލް އޮފިސާ ތާލް ޒެކްސް ވިދާޅުވީ އެ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެގޮތުން 94.5 ޕަސެންޓުގެ ރައްކާތެރިކަމެއް އެ ވެކްސީން އިން ލިބިގެންދާ ކަމަށް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާއިންވެސް ވަނީ ކޮވިޑާ ދެކޮޅަށް ވެކްސިނެއް އުފައްދައިފައެވެ. އެ ވެކްސިން 92 ޕަސެންޓް ކާމިޔާބުކަމަށް ރަޝިއާއިން ބުނެއެވެ.