ދައުލަތުގެ އާމްދަނީ އިތުރުކުރަން، މާލެ ސަރަހައްދުގައި ދުއްވާ އުޅަނދު ފަހަރުން އިތުރު ފީއެއް ނަގަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ ވަނަ އަހަރު ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 2020 އާ އަޅާއިބަލާއިރު އިތުރުވެގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އާމްދަނީ އިތުރުވެގެންދާނެކަމަށް އަންދާޒާކޮށްފައިވަނީ 2020 ވަނަ އަހަރަށް އާމްދަނީ އިތުރުކުރުމަށް ހުށަހެޅި އައާ ކަންތައްތައް އަންނަ އަހަރު ތަންފީޒުކުރެވި އެއިން ލިބޭ އާމްދަނީ 2021 ވަނަ އަހަރަށް ހިމަނައިފައިވާތީއެވެ.

އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކޮންޖެޝަން ޗާޖެއް އަދި ޕާކިންގ ފީއެއް ނެގުމާއި އިތުރު އޮޕަރޭޓަރަކަށް ޓެލެކޮމް ލައިސަންސް ފީ ދޫކުރުމާއި ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނަގަން ފެށުން ހިމެނެއެވެ.

ބަޖެޓުގައި ބުނެފައި ވަނީ މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށްވެފައި ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ބޭނުންކުރާ ސަރަހައްދަކަށް ވާތީ މަގުތައް ބާރުބޮޑުވެ ބައިބޯވުމަކީ އާންމު ރައްޔިތުންނަށް އެތަކެއް އުނދަގޫތަކާ ކުރިމަތިވަމުންދާ
ކަމެއް ކަމަށެވެ.

އެހެންކަމުން، މާލެ ސަރަހައްދުގެ ބައިބޯވުން ކުޑަކުރުމުގެ ގޮތުން މި ސަރަހައްދުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކުން ކޮންޖެޝަން ޗާޖެއް ނެގުމަށް 2021 ގެ ބަޖެޓުގައި ހިމަނައިފައިވެއެވެ.

ބަޖެޓުގައި ބުނެފައި ވަނީ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޮޑެތި ހަރަދުތަކެއް ހިނގައި، އެކްސިޑެންޓްތައް ގިނަވުމާއި ދުއްވާ އުޅަނދު ގިނަވުމުން އުފެދޭ ޕޮލިއުޝަންއަކީ އެއާއެކު ހަރަދުތަކެއް އެކުލެވޭ ކަންކން ކަމަށެވެ.

އޭގެ އިތުރުން މަގުތަކުގެ ކެޕޭސިޓީއަށްވުރެ ގިނައިން އުޅަނދު ދުއްވުމުން މަގުތައް މަރާމާތުކުރަން އިތުރަށް ހޭދަކުރަންޖެހި ޕާކްކުރުމުގެ ދަތިތައް ދިމާވާ ކަމަށެވެ.

ނޭޝަނަލް ބިއުރޯފް ސްޓެޓިސްޓިކްސްގެ 2018ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން 68 ޕަސެންޓަކީ މާލެ ސަރަހައްދުގައި ބޭނުންކުރާ ވެހިކަލްތައް ކަމަށާއި އަލަށް ރަޖިސްޓަރީކުރާ ވެހިކަލްތައް އަހަރަކު އަށް ޕަސެންޓުން ކުރިއަރާ ކަމަށެވެ.

އަލަށް ތައާރަފުކުރާ ޗާޖުގެ ސަބަބުން މާލޭގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު މަދުކުރުމަން އެހީވެދޭނެ ކަމަށް ބުނެފައިވެއެވެ.

ބަޖެޓުގައި ބުނެފައި ވަނީ އެ ޗާޖު ނެގުމަށް ހަމަޖެހިފައިވަނީ ވެހިކަލް އަހަރީ ފީ ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތަކުގައި ކަމަށެވެ.

ވެހިކަލް މަދުކުރުމަށް ކޮންޖެޝަން ޗާޖެއް ތައާރަފްކުރުމުގެ އިތުރުން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، އެކިއެކި ޕްރޮގްރާމްތައް ރާވައިފައިވެއެވެ. އެގޮތުން ޕާކިންގ އިމާރާތްތަކާއި، ޕާކިންގ ޖާގަ ހެދުމާއި، އާންމު ދަތުރުފަތުރު ފުޅާކުރުމަށް މާލޭގައި މިނީބަސް ހިދުމަތް ތައާރަފްކުރުންވެސް ހިމެނެއެވެ.