ހަ ވަނަ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސްއިން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ރެޑްލައިންއާ ބައްދަލުކޮށް ޓީރެކްސްއިން ޗެމްޕިއަންކަން ހޯދީ 85 ޕޮއިންޓް 74 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ.

މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްއަށް 28 ޕޮއިންޓް ހޯދައިދިން މުހައްމަދު މުހުސިނެވެ. އަދި ރެޑްލައިނަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ މުހައްމަދު ޒިލާލެވެ. އެނާ ވަނީ ބަޔަށް 27 ޕޮއިންޓު ހޯދައިދީފައެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަ ވަނަ އަށް އައި ކުޅުންތެރިންނާއި ޓީމްތަކަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް އިބްރާހިމް އިސްމާއިލް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްގެ ޒަކަރިއްޔާ އަބްދުލް ލަތީފެވެ. އަދި ރަނަރަޕް ޓީމަކަށް ހޮވުނީ ރެޑްލައިން ކުލަބެވެ.

މިމުބާރާތުގައި އަވަށްޓެރި ސްރީލަންކާގެ ޑައިލޮގް އެކްސެޓާ ޓީމަކާ އެކު ރާއްޖޭގެ ތިން ޓީމު ވަނީ ވާދަ ކޮށްފައެވެ. ރާއްޖެ އިން ވާދަކުރި ތިން ޓީމަކީ ނިމިގެން ދިޔަ ޤައުމީ މުބާރާތުގެ އެންމެ ގަދަ ތިން ޓީމް ކަމުގައިވާ ރެޑްލައިން ކުލަބާއި ޓީރެކްސް އަދި ހަރިކޭން ބީސީ އެވެ.