16 Nov 2020, 19:10
ދިއްލީ (ނޮވެމްބަރު 16): އިންޑިއާގެ އައްސާމްގެ ތެޔޮ ވަޅެއްގައި މިދިޔަ ޖޫން މަހު ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އައްސާމްގެ ބަގުޖަންގައި ހުންނަ އެ ތެޔޮ ވަޅަކީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އޮއިލް އިންޑިއާ ލިމިޓެޑުން ބަލަހައްޓާ ތަނެކެވެ. އަދި ވަޅުގައި ރޯވީ އެތަނުން ގޭސް ލީކުވާތާ 13 ދުވަސް ފަހުން، ޖޫން 10ގައި އެތަނުގައި އެއްޗެއް ގޮވުމުން ކަމަށް ކުންފުނީގެ ތަރުޖަމާނު ޓްރިޑިވް ހަޒަރިކާ ވިދާޅުވި އެވެ.
އެ ހާދިސާގައި އޮއިލް އިންޑިއާ ލިމިޓެޑްގެ ދެ މުވައްޒަފަކު މަރުވި އެވެ. އަދި އެ ސަރަހައްދުގައި ހިނގި އެހެން އެކްސިޑެންޓެއްގައި މިދިޔަ ސެޕްޓެމްބަރު މަހު އިތުރު މުވައްޒަފަކު މަރުވި އެވެ.
ހަޒަރިކާ އިއްޔެ ވިދާޅުވި ގޮތުގައި ސިންގަޕޫރާއި އެމެރިކާ އާއި ކެނެޑާގެ ކަމާ ބެހޭ މާހިރުން ބައިވެރިވެގެން، އަލިފާންގަނޑު ނިއްވާލުމަށް ކުރި މަސައްކަތް މިހާރު ވަނީ ކާމިޔާބުވެފަ އެވެ.
"އެ ވަޅުގައި މިހާރު ޕްރެޝަރެއް ނެތް އަދި ޕްރެޝަރު އިތުރުވާތޯ އާއި ގޭސް ދައުރުވޭތޯ 24 ގަޑި އިރު ބަލަމުންދާނެ،" ހަޒަރިކާ ވިދާޅުވި އެވެ.
އެ ތެޔޮ ވަޅުގައި ރޯވުމުން އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ އެތައް ހާސް މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކުރަން ޖެހުނެވެ.
ބަގުޖަން ތެޔޮ ދަނޑު އޮންނަނީ، ނެތިގެންގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކެއް އުޅޭ ގުދުރަތީ ޕާކެއް ކައިރީގަ އެވެ. އަދި ތެޔޮ ވަޅުގައި ރޯވުމުގެ ސަބަބުން އެ ސަރަހައްދުގެ ދިރުންތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ ގެއްލުންތައް ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ވައިލްޑްލައިފް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ބުންޏެވެ.
މީގެ އިތުރުން، އެ ތެޔޮ ވަޅުގައި ރޯވުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހާ ހަމަޔަށް އޮއިލް އިންޑިއާ ލިމިޓެޑަށް ވަނީ 30.5 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފަ އެވެ.