16 Nov 2020, 15:26
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް، ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފި ނަމަ ބައިނަލްއަގްވާމީ މާލީއިދާރާތަކުގެ އިތުބާރު ރާއްޖެއަށް ގެއްލޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސްގެ ތެރެއިން މެމްބަރަކު ދެއްކި ވާހަކައާ ގުޅުވައިގެންނެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ބަޖެޓުގައި ޖަހާފައި ހުރި ނަމަވެސް ތިނަދޫގައި އަންނަ އަހަރު ނުކޮށްދޭނެ ކަންކަން ހުރިކަން އެނގޭ ކަމަށެވެ. އެހެންވީމާ އެކަންކަން ބަޖެޓުން އުނިކޮށްދޭން އޭނާ އެދިވަޑައިގަތެވެ.
އެވާހަކައާ ގުޅިގެން ނަޝީދު ވިދާޅުވީ މެމްބަރު ސަނީފު ވިދާޅުވީ ވަރަށް ރަނގަަޅު ވާހަކައެއް ކަމަށެވެ. ކޮންމެ އަހަރަކުވެސް ބަޖެޓުގައި ޖަހާފައި ހުރި އަދަދު ޑިސްޕާސްވެގެންދާ ކަމަށެވެ. ނަޝީދު ވިދާޅުވީ ޕްރޮޖެކްޓްތަކަށް ބަޖެޓުން ދީފައިވާ ކޯޑު ނައްތާލައިގެންް ނުވާނެ ކަމަށެވެ.
"ސީދާ މިއަންނަ އަހަރު ކުރެވެން ހުރި މިންވަރަށް ފައިސާ ޖެއްސެވީމާ ޑެފިސިޓް ކުޑާވާނެ. އެހެންވީމާ ބަޖެޓް ރަނގަޅަށް ފެންނާނެ. ބަޖެޓް ރަނގަޅަށް ފެނުނު ވަރަކަށް މާލީ އިދާރާތަކަށް ދިވެހި ރާއްޖޭގެ މާލިއްޔަތަށް އިތުބާރު ކުރެވޭނެ."
"އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާރު މިއޮތް ބަޖެޓު އަޅުގަނޑުމެން ފާސްކޮށްފި ނަމަ. ދިވެހިރާއްޖޭގެ މާލިއްޔަތަށް އޮންނަ އިތުބާރު ކުޑަވާނެ." ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓަކީ 15.50 ބިލިއަން ރުފިޔާ އެވެ.