16 Nov 2020, 13:20
ދިމިޝްގު (ނޮވެމްބަރު 16) : ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުއައްލިމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 79 އަހަރު ގެ މުޢައްލިމް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ސޫރިޔާގެ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއް ބުނެއެވެ. ސޫރިޔާގެ ޚާރިޖީ ވަޒީރު ކަމުގެ އިތުރުން ބޮޑުވަޒީރުގެ އެއްވަނަ ނައިބު ކަމުގެ މަގާމުވެސް އަދާކުރައްވަމުން ގެންދެވި ވަލީދުލްމުއައްލިމް އަކީ 1975 ވަނައަހަރުން ފެށިގެން ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދެވި ވަރަށް ތަޖްރިބާކާރު ޑިޕްލޮމެޓެކެވެ.
މުޢައްލިމް މަތީ ތައުލީމު ހާސިލް ކުރެއްވީ އިގްތިސާދީ ދާއިރާއިންނެވެ. ގްރޭޖްއޭޓްވެ ވަޑައިގެންނެވީ މިސްރުގެ ގާހިރާ ޔުނިވާސިޓީން 1963 ވަނައަހަރުއެވެ.
ވަލީދުލްމުއައްލިމް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ޓެންޒެނިއާ، ސައޫދީ އަރަބިޔާ، ރޫމޭނިޔާ، އެމެރިކާ މިގައުމުތަކުގައި ހުންނަވާ ސޫރިޔާގެ ސަފީރުކަމުގެ މަގާމުތަށް ހިމެނެއެވެ. އެންމެ ދިގުމުއްދަތަކަށް ސަފީރުކަމުގައި ހުންނެވީ އެމެރިކާގައެވެ. އެއީ 1990 ން 1999 އަށެވެ.
ވަލީދުލްމުއައްލިމް ސޫރިޔާގެ ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ 2006 ވަނައަހަރުއެވެ. އެއަށްފަހު އަވަހާރަވަންދެން ހުންނެވީ އެމަގާމުގައެވެ. މުއައްލިމް އަވަހާރަވި ސަބަބެއް ސޫރިޔާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. (ނޫސްއެޖެންސީތަށް)