ވޯލްވޯ އޯޝަން ރޭހުގެ ނަމުގައި ދެ އަހަރުން އެއް އަހަރު ދުނިޔޭގައި ބާއްވާ ޔޮޓް ރޭހެއް މިއަދު ރާއްޖެއިން ފެށުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންސް (މާޔާ)ގެ ސެކެއްޓްރީ ޖެނެރަލް މުހައްމަދު އަލީ ވިދާޅުވީ، ވޯލްވޯ އޯޝަން ރޭހުގެ ނަމުގައި ދެ އަހަރުން އެއް އަހަރު ދުނިޔޭގައި ބާއްވާ ޔޮޓް ރޭހެއް މިއަދު 1:00 ޖަހާއިރު ހުޅުމާލެއިން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ރޭހުގައި ވާދަކުރާ ހަ ޔޮޓްވެސް މިހާރު ވަނީ ރާއްޖެ އައިސް، މިއަދުގެ ރޭހަށް ތައްޔާރު ވެފައި ކަމަށެވެ.

ރޭހުގައި ހަ ޔޮޓެއް ބައިވެރިވާއިރު، ކޮންމެ ޔޮޓޭއްގައި 11 މީހުން ތިބެއެވެ. އަދި އެއްވެސް ޔޮޓޭއްގައި ދިވެހި އެއްވެސް މީހަކު ނުހިމެނޭނެ ކަމަށާއި މުޅިންވެސް ތިބީ ބޭރުގެ މީހުންނެވެ.

"މިރޭސް ހުޅުމާލެއިން ފަށާގެން ދަތުރުކުރާނީ ޗައިނާގެ ސަންޔާއަށް މި މުބާރާތުގައި މިފަހަރު ހަ ޔޮޓް ބައިވެރިވޭ." މުހައްމަދު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރޭސް މިއަދު ފަށާއިރު، ރޭސް ކަވަރު ކުރުމަށް ދުނިޔޭގެ ބައެއް މީޑިޔާތަކުން ރާއްޖެ އައިސްފައިވާއިރު، މިއީ މިފަދަ ބޮޑު ރޭހެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިރޭހުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން މަޝްހޫ ވެގެން ދާނެ ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.