16 Nov 2020, 12:23
ދީން ދެކެ ލޯބިވާ ޅަ ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ވާޗުއަލްކޮށް ބާއްވާ ގުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހިންނަކީ ގުރުއާނަށް ލޯބިކުރާ، ގުރުއާނުގައި އަންގަވާފައިވާގޮތަށް އަމަލުތައް ބައްޓަންކޮށް، އެކަކު އަނެކަކަށް ހެޔޮކޮށްހިތާ ހެޔޮގޮތް ގަބޫލުކުރާ ބަޔަކަށް ވުމަށް ގޮވާލައްވާ ކަމަށެވެ.
މި މުބާރާތް ވާޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެކަމެއްކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ކޮވިޑް-19 ގެ ދަތި އަނދަގޫ ހާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް މަސައްކަތް ކުރާތީ، ނައިބު ރައީސް ވަނީ އިސްލާމިކް މިނިސްޓްރީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ވާޗުއަލްކޮށް ބާއްވާ މި ގުރުއާން މުބާރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިންތިޒާމުކޮށްގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންގެ ބުރާއި ފައިނަލް ބުރެވެ.
އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގް ހުށަހެޅުމުގެ މުއްދަތަކީ 2020 ނޮވެންބަރު 16 އިން ފެށިގެން ނޮވެމްބަރު 28 ގެ ނިޔަލަށެވެ. އޮޑިޝަންގެ ބުރުން ހޮވޭ ފަރާތްތަކުން ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2020 ޑިސެންބަރު 13 އިން ފެށިގެން ޑިސެންބަރު 17 ގެ ނިޔަލަށެވެ.