ވޮޝިންގޓަން (ޖަނަވަރީ 22) : އެމެރިކާގެ ދިފާޢީ ބަޖެޓް ކުޑަވެފައިވީ ނަމަވެސް އެމެރިކާގެ ކަނޑުގެ ފްލީޓުގެ މަނަވަރުތަކުގެ ޢަދަދު މަދުނުކުރާނެކަމަށް ދިފާޢީ ވަޒީރު ލިޔޮން ބެނިޓާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ޤައުމީ ސަލާމަތަށްޓަކައި ބިޔަ މަނަވަރުތައް ވަރަށް މުހިއްމު ކަމުގައެވެ.

"ބިޔަ މަނަވަރުތަކުން އެމެރިކާގެ ޢަސްކަރީ ބާރާއި ހައިބަތު ވަރަށް ރަނގަނޅަށް ތަސައްވުރު ކޮށްދޭ" ބެނިޓާ ވިދާޅުވިއެވެ. ޖޯޖިޔާގެ އައްސޭރިފަށުގައިއޮތް މަނަވަރެއްގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި ބެނެޓާ ވިދާޅުވީ އެމެރިކާގެ ޤައުމީ މަސްލަޙަތު އޭގެ އެންމެ ފުރިހަމަގޮތުގައި ޙިމާޔަތްކުރުމަށްޓަކައި ދުނިޔޭގެ ކޮންމެތަނަކަށް ބޭނުންވާ ކޮންމެ ހިނދެއްގައި އަވަހަށް ބުރަހެލިކަމެއްނެތި "ލޫޅާފަތި" ގޮތުގައި ޙަރަކާތްތެރިވުމުގެ ޤާބިލްކަން ހުރުމަކީ އެމެރިކާގެ ޢަސްކަރީ ޢަޤީދާގެ އެންމެ މުހިއްމު އެއްއަސާސް ކަމުގައެވެ.

ދިފާޢީ ބަޖެޓް ކުޑަވެފައިވީ ނަމަވެސް އެމެރިކާގެ ކަނޑުގެ ފްލީޓުގެ މަނަވަރުތަކުގެ ޢަދަދު މަދުނުކުރުމަށް ރައީސް ބަރަކް އޮބާމާ ނިންމެވީ މިކަމަށް ރިޢާޔަތް ކުރައްވައިގެން ކަމަށް ބެނިޓާ ވިދާޅުވިއެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ޚިދްމަތުގައި 11 ފްލީޓް އޮންނައިރު މިއިން ކޮންމެ ފްލީޓެއްގައި މަތިންދާބޯޓު އުފުލާ ބިޔަ މަނަވަރެއް އޮވެއެވެ. އެމެރިކާ ޤައުމަކަށް ބިރުދައްކަންވެއްޖެނަމަ މަތިންދާބޯޓު އުފުލާ ބިޔަ މަނަވަރަކާއެކު މިއިން ކޮންމެވެސް ފްލީޓެއް އެޤައުމެއްގެ ކަނޑުގެ އައްސޭރިފަށަށް ފޮނުވައި އެމެރިކާގެ މުލައްދަނޑީގެ ބާރުހުރިމިންވަރު ދައްކަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ މިހާރުވެސް އީރާނުގެ ކަނޑުގެ ސަރަޙައްދު ކައިރިއަށް ދެފްލީޓް ފޮނުވާފައިވާއިރު މިއީ ޤަދީމީ އިސްތިޢްމާރުގެ ދުވަސްވަރުގެ ޕޯޗްގަލްއާއި އިނގިރޭސިވިލާތްފަދަ ބޯދާއިސްތިޢްމާރީ ބާރުތަކުން ހިންގި ބާވަތުގެ ބިރުދެއްކުމުގެ ނާތަހުޒީބު ޢަމަލުތަކެއް ކަމަށް އީރާނުން ސިފަކުރެއެވެ.

އެމެރިކާގެ ދިފާޢީ ބަޖެޓުން މިއަހަރު 260 ބިލިޔަން ޑޮލަރު އުނިކުރުމުގެ އިތުރުން އެމެރިކާގެ އިޤްތިސާދު އަޑިގަނޑެއްގައި އޮތުމުން އެމެރިކާގެ ޢަސްކަރީ ބާރަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. --ނޫސްއެޖެންސީތައް