16 Nov 2020, 08:09
ކޮވިޑް19 ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ރޭ މަރުވީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެޗްޕީއޭ އިން ބުނީ އެމީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 11:32 ގައި ކަމަށެވެ.
އެއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 44 ވަނަ މީހާ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާ އެވެ.
އިއްޔެ ރާއްޖެއިން 50 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ހަފްތާއެއްގެ ތެރޭގައި ދުވާލަކަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރު އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅުނީ 30 އިން ދަށުގަ އެވެ.
މިޙާރު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅެނީ 12،204 ގަ އެވެ. އޭގެ ތެރެއިން 865 މީހަކަށް ދަނީ ފަރުވާދެމުންނެވެ.