ބާސެލޯނާގެ ކެޕްޓަން، އާޖެންޓީނާގެ ލިއޮނަލް މެސީ ގެންދަން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން ކުރަމުން އަންނަ މަސައްކަތް އަދިވެސް ހުއްޓާ ނުލައި ކަމަށާއި، އެކަން އަންނަ އަހަރުގެ ތެރޭގައި ކާމިޔާބުވުމާ ގާތަށް ޖެހިލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ބާސާގެ ބޯޑާ މެސީއާ ދެމެދު މައްސަލަތަކެއް ދިމާވެ، މިދިޔަ ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލަން އެދިފައިވެއެވެ. އޭރުވެސް މެސީ ގެންދަން ސިޓީ ތައްޔާރުވެފައިވާ އިރު، އެކަމާ މެދު ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މި ސީޒަނަށްފަހު މެސީ ގެންދިޔުމާ ގުޅޭގޮތުން ސިޓީގެ ސީއީއޯ އޮމަރު ބެރާދާ ވަނީ ވާހަކަދައްކައިފައެވެ.

ސިޓީއިން މެސީ ގެންދަން ބޭނުންވާ ކަމުގެ ވާހަކަތަކަށްފަހު، ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއުއާ އެކު މުޅި ބޯޑް ވަނީ އިސްތިއުފާ ދީފަ އެވެ. އަދި އައު މެނޭޖްމެންޓާ އެކު މެސީ ބާސެލޯނާގައި އަލުން މަޑުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެ މިފަހުން ވަނީ ވާހަކަތައް ފެތުރިފަ އެވެ. އަދި މެސީ ކުރިން ކުލަބު ދޫކޮށްލަން އުޅުނީ މެނޭޖްމެންޓާ މެދު ހިތްހަމަ ނުޖެހިގެން ކަމަށާއި، މިހާރު އެކަން އެ ހައްލުވީ ކަމަށް ބުނެ ބާސެލޯނާގެ ބައެއް އިސް ކުޅުންތެރިން ވަނީ ވާހަކަ ދައްކައިފަ އެވެ.

އެހެން ނަމަވެސް ސިޓީން އަދިވެސް މެސީ ގެންދިއުމަށް ކުރަމުންދާ މަސައްކަރް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށް ސްޕެއިނުގެ މަޝްހޫރު ނޫހެއް ކަމަށް މުންޑޯ ޑިޕޯޓިވޯއިން ވަނީ ބުނެފަ އެވެ. އެ ނޫހުން ބުނި ގޮތުގައި ސިޓީއިން މެސީ ގެންދިއުމުގެ ޕްލޭނެއް މިހާރު އެކުލަވާލައި، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ އެއްބަސްވުން އައު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މެސީގެ ރިލީސް ފީއަކީ 700 މިލިއަން ޕައުންޑް ކަމަށްވާ އިރު، ބާސާ ދޫކޮށްލަން މެސީއަށް އޮތް ހަމައެކަނި ގޮތަކީ ކޮންޓްރެކްޓް އުވައިލުން ނޫނީ ކޮންޓްރެކްޓް ހަމަވުމެވެ. ސަބަބަކީ ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އެއްވެސް ކްލަބަކަށް އެއް ޓްރާންސްފާ ސީޒަނެއްގައި އެފަދަ ބޮޑު ރިލީސް ފީއެއް ދެއްކެން ނެތުމެވެ. އެހެން ނަމަވެސް އަންނަ އަހަރަށް މެސީގެ ކޮންޓްރެކްޓް ހަމަވެ، ހިލޭ އެހެން ކުލަބަކަށް ދިއުމުގެ ފުރުސަތު އޭނާއަށް އޮންނާނެ އެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.