ލަންޑަން (ޖަނަވަރީ 22): އިންޑިޔާގެ ރާޖެސްތާނުގައި މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އަދަބީ އިޙްތިފާލްތަކެއްގައި ބައިވެރިވުމަށް ނިންމި ނިންމުން ބަދަލުކޮށް އެއިޙްތިފާލްތަކުގައި ބައިވެރިނުވާނެކަން އިންޑިޔާގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީ ހާމަކޮށްފި އެވެ.

ކީރިތި ރަސޫލާއަށާއި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނަށާއި އަސްޙާބު ބޭކަލުންނަށް މަލާމާތާއި ފުރައްސާރަކުރުމުގެ ސަބަބުން މުސްލިމުންގެ ރުޅި އަމާޒުވެފައިވާ ސަލްމާން ރުޝްދީ އަކީ މުރްތައްދުވެފައިވާ މީހެއްކަމަށް ނިންމައި އޭނާ މެރުމަށް އީރާނުގެ ކުރީގެ ދީނީލީޑަރ އާޔަތުﷲ ޚުމައިނީ ވަނީ 1988 ވަނަ އަހަރު ދީނީ ފަތްވާއެއް ނެރުއްވާފައެވެ.
ޚުމައިނީގެ ފަތްވާއަށްފަހު ސަލްމާން ރުޝްދީ ބިރުން ފިލައިގެން 16 ވަރަކަށް އަހަރު އުޅުމަށްފަހު މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް އަދިވެސް އޭނާ އުޅެނީ އާންމުންގެ ތެރެއަށް މާބޮޑަށް ނުނިކުމެ އެކަހެރި ޙާލަތެއްގައެވެ.

ރާޖެސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިންދީ ބަހުގެ އަދަބީ އިޙްތިފާލްތަކެއްގައި ބައިވެރިވުމަށް ރުޝްދީއަށް ދަޢުވަތު ދިނުމުން އިންޑިޔާގެ މުސްލިމުންނާއި މުސްލިމް ޖަމާއަތްތަކުން އެކަމާދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލައި އިޙްތިޖާޖްތައް ކުރަން ފެށިއެވެ. މިއިޙްތިޖާޖްތަކާގުޅިގެން، އިޙްތިފާލް އިންތިޒާމްކުރި ފަރާތުންވެސް ރުޝްދީއަށްދިން ދަޢްވަތު ކެންސަލްކުރުމަށް ނިންމާފައިވާ ކަމަށާއި މިގޮތަށް ނިންމީ ރުޝްދީގެ ސަބަބުން އުފެދިދާނެ ހަމަނުޖެހުމަކާއި ލެއޮހޮރުވުމަކުން ސަލާމަތްވުމުގެ ގޮތުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ މުސްލިމުންގެ ގިނަބަޔަކުވަނީ ރުޝްދީ މެރުމަށް އާޔަތުﷲ ޚުމައިނީ ނެރުއްވި ފަތްވާއަށް ތާއީދުކޮށް އޭނާއަކީ މުރްތައްދު ވެފައިވާމީހެއް ކަމަށް ސިފަކޮށް އެކިޤައުމުތަކުގައި މުޒާހަރާތައް ކޮށްފައެވެ. ރުޝްދީއަކީ އިންޑިޔާއަށް އުފަން އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. 1988 ގައި ރުޝްދީ ނެރުނު "ސެޓަނިކް ވާރސަސް" ނަމަކަށްކިޔާ ވާހަކާގައި ކީރިތީ ރަސޫލާގެ 11 އަނބިކަނބަލުން ތިއްބެވުމުންނާއި ރަސޫލާ، ޢާއިޝަތުގެފާނުގެ އުމުރުފުޅުން 9 އަހަރުގައި އެކަމަނާއާ ކައިވެނި ބައްލަވައިގަތުމުން އެކަން ނުބައިކަމަކަށް ހަދައި އެކަމަށް ޖޯކުޖަހައި ފުރައްސާރަކޮށް ރަސޫލާގެ ޝަޚްސިއްޔަތަށް އިހާނާތްކޮށްފައިވާ ކަމަށް މުސްލިމުންގެ ގިނަބަޔަކު ދެކެއެވެ.

މީގެއިތުރުން ރުޝްދީގެ ވާހަކާގައި ކީރިތި ޤުރްއާނަށްވެސް މަލާމާތްކޮށް އަސްޙާބު ބޭކަލުންގެ ޤަދަރު ވައްޓާލުމުގެ ޢިބާރާތްތައް ލިޔެފައިވާ ކަމަށްވެސް މުސްލިމުންގެ ގިނަބަޔަކު ދެކެއެވެ. ހުޅަނގުގެ ފިއްތުންތަކާއެކުވެސް އީރާނުންވަނީ ރުޝްދީ މެރުމަށް ޚުމައިނީ ނެރުއްވާފައިވާ ދީނީފަތްވާ އުވާނުލާނެކަން ކަށަވަރުކޮށްދީފައެވެ. -- އަލްޢާލަމް