16 Nov 2020, 00:52
ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މަލީހު ގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވާ ކަމަށެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ ޓެލެކޮމިޔުނޭޝަން ގާނޫނުގައި ބުނާ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ގަވައިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.
މި ގަވައިދުތަައް ހެދުމަށް މިނިސްޓަރާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި މުވައްޒަފުން ކުރި މަސައްކަތަށް ސީދާ މިނިސްޓަރު ހުރަސް އަލުއްވާފައިވާކަން ސާފުވާ ކަމަށްވެސް ބުނެފައިވެ އެވެ.
ޓެލެކޮމިޔުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ނުހަދާ ލަސްވުމަކީ އެކަމުގެ ގެއްލުން ދައުލަތަށާއި ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށާއިމިއީ ރާއްޖޭގެ ޓެލޮކޮމް ސިނާއަތް ރެގިޔުލޭޓުކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކެއް ކަމަށްވެސް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިހާތަނަށް 11 މެންބަރަކު ސޮއިކޮށްފައިވެ އެވެ. މަލީހު މިނިސްޓަރު ކަމަށް އައްޔަނުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާއިރު ސަރުކާރު ހިންގަން ވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ވިދާޅުވެ ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެއްކެވި ވާހަކައަކާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަލީހާ ދެކޮޅަށް ތެދުވެފަ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ބައެއް މަޖިލިސް މެމްބަރުންނަށް ހީވަނީ ސަރުކާރު ހިންގަނީ މަޖިލީހުންނެވެ. ނަމަވެސް ސަރުކާރު ހިންގާނެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާ ނޫން ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުން އަންނަނީ މަލީހަށް ފާޑު ވިދާޅުވަމުންނެވެ.