16 Nov 2020, 08:16
ވޮޝިންޓަން (ނޮވެމްބަރު 16): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން ކަމަށް އެގައުމުގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި މިމަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ބައިޑެންކަން އެގައުމުގެ މީޑިއާތަކުން ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އިއުލާންކޮށްފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ނަތީޖާ ގަބޫލު ކުރައްވާ، ބަލި ގަބޫލު ކުރައްވަންވެސް ދެކޮޅު ހައްދަވާފަ އެވެ.
"ބައިޑެން މޮޅުވީ އިންތިހާބު އޮޅުވާލާފައި ވާތީ.. އަޅުގަނޑު ބަލި ގަބޫލެއް ނުކުރަން،" އިއްޔެ ޓްރަމްޕް ކުރެއްވި ދެ ޓުވީޓެއްގައި ވިދާޅުވި އެވެ.
އެ އިންތިހާބާ ބެހޭ ގޮތުން ޓްރަމްޕް މިހާތަނަށް ކުރައްވާފައިވާ ތުހުމަތުތަކުގެ ތެރޭގައި ވޯޓު ގުނާ އިރު ރިޕަބްލިކަން އޮބްޒާވަރުން ނުވެއްދުމާއި ވޯޓިން ސޮފްޓްވެޔާއިން އެތައް މިލިއަން ވޯޓުތަކެއް ޑިލިޓު ކުރުން ހިމެނެ އެވެ. ނަމަވެސް އެމެރިކާގެ އިލެކްޝަން އޮފިޝަލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެއްވެސް ވޯޓިން ސިސްޓަމަކުން ވޯޓުތަކަށް ބަދަލު ގެނައުމުގެ ހެއްކެއް ނެތް ކަމަށާއި އޮބްޒާވަރުންނަށް ފުރުސަތު ދިނުމުގައި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރި ކަމަށް ބުނެފަ އެވެ.
ޓްރަމްޕްގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ކެމްޕޭނުން ވަނީ ވޯޓާ ދެކޮޅަށް ބައެއް ސްޓޭޓުތަކުގައި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން ގިނަ މައްސަލަތައް ވަނީ ބޭރުކޮށްފަ އެވެ.
ސީއެންއެންގައިވާ ގޮތުން ޓްރަމްޕަށް ވުރެ ފަސް މިލިއަން ވޯޓު ކުރީގައި އުޅުއްވާ ބައިޑެންއަށް މިހާރު ވަނީ 306 އިލެކްޓޯރަލް ވޯޓު ލިބިފަ އެވެ. އަދި ޓްރަމްޕަށް ލިބިފައި ވަނީ 232 އިލެކްޓޯރަލް ވޯޓެވެ.