އިންޑިއާގެ ލެޖެންޑަރީ ތަރި ސޮމިތްރާ ޗަޓަރްޖީ 85، މަރުވެއްޖެ އެވެ.

ތިންސަތޭކައަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ކުޅަދާނަ އެކްޓަރު ސޮމިތްރާ މަރުވީ ކޮލްކަތާގައި ހުންނަ ބެލްވިއު ކްލިނިކްގައި ކޮވިޑް19 އަށް ފަރުވާދެމުން ދަނިކޮށެވެ. މިދިޔަ މަހު ހަވަނަ ދުވަހުން ފެށިގެން ކޮވިޑަށް ފަރުވާދެމުން ދަނިކޮށް އޭނާގެ ސިއްހީ ހާލަތު ގޯސްވެ މަރުވީ އާދިއްތަ ދުވަހުއެވެ.

ސޮމިތްރާ މަރުވުމާ ގުޅިގެން ބޮލީވުޑްގެ ގިނަ ފަންނާނުންނެއް ހިތާމަފާޅުކުރަމުންދާއިރު އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ވެސް ވަނީ ތައުޒިޔާ ރައްދުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

ބެންގާލީ ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދި ސޮމިތްރާ އަކީ ފިލްމީ އިންޑަސްޓްރީގައި އެންމެންގެ އިޚްތިރާމް ހޯދާފައިވާ މަގްބޫލު ޝަހުސިއްޔަތެކެވެ. އޭނާ ވަނީ އޮސްކާ އެވޯޑް ހާސިލްކުރި ޑައިރެކްޓަރުންނާ އެކު ވެސް މަސައްކަތްކޮށްފައެވެ. ސޮމިތްރާއަށް ވަނީ އިންޑިއާގައި ފިލްމީ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ދާދާސާހެބް ފާލްކޭ އެވޯޑު ވެސް ލިބިފައެވެ.

ވާސަޓައިލް އެކްޓަރެއްގެ ގޮތުގައި އޭނާ ފާހަގަކުރެވޭއިރު އޭނާ ވަކިވެދިޔުން އެންމެންވެސް ފާހަގަކުރަނީ އެއީ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައެވެ.