15 Nov 2020, 23:12
ކޮވިޑް19 ރާއްޖެއިން ފިލައިގެން އަދި ނުދާކަމަށާއި ކޮޮވިޑުގެ ކުރިން ކަންތައް ކުރިއަށްގެންދިޔަ ގޮތަށް އޮފީސްތަކުގެ މަސައްކަތްތައް ނުރޭވުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު ފާއިތުވި ދެތިން ހަފްތާ ދަށްވި ނަމަވެސް، ރެއާއި މިއަދު ވަނީ ކޭސްތައް 30 އިން މައްޗަށް ގޮސްފައެވެ. މިރޭގެ ކޭސްތަކުގެ އަދަދު 50 އަށް އެރިއިރު، އެއީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން ފެނުނު 26 ކޭސްގެ ސަބަބުން އައި އިތުރުވުމެކެވެ. ނަމަވެސް ރޭގެ އިތުރުވުމަކީ މިގޮތަށް ކްލަސްޓާއަކާ ގުޅުމެއް ނެތް އިތުރުވުމެއް ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ ފާއިތުވި ދޭއް ނުވަތަ ތިން ހަފްތާ އާ އަޅާބަލާއިރު ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ.
"ކޭސްތަކުގެ އަދަދު ކޮންމެވެސްވަރަކަށް މިދޭތެރެއިން މަދުވެގެން ދިޔަ ނަމަވެސް މިގޮތަށް ފްލޫކްލިނިކް ޕޮޒިޓިވިޓީ މައްޗަށް ދަންޏާ މިއީ އަޅުގަނޑުމެން ވަރަށް ސަމާލުވާންޖެހޭ ކަމެއް. މިހާރު މި ދެމުންދާ ދޫތަކާއެކު އަނެއްކާވެސް ޕޮޒިޓިވިޓީ އިތުރުވުމުގެ ފުރުސަތު އޮންނާނެ އަބަދުވެސް އަޅުގަނޑުމެން މި ދައްކާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ، ގައިޑްލައިންތަކުގައިވާ ގޮތަށް ކަންތައްތައް ނުގެންދެވޭނަމަ،" ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ އިރަކުވެސް ކޭސްތައް އިތުރުވެދާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތުގެ ސައިޓްތަކާއި އޮފީސްތައް އަދި ސްކޫލުތަކާއި މެޑިކަލް ހިދުމަތްދޭ ތަންތައް މޮނީޓާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ 133 އޮފީހަކާއި 42 ޕްރައިވެޓް އޮފީސް އަދި 20 ސްކޫލު/ކޮލެޖާއި 35 މެޑިކަލް ހިދުމަތްދޭ ތަންތަން އިންސްޕެކްޓު ކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އިންސްޕެކްޝަންތަކުގައި ހުންނާނެ ރަނގަޅު ކުރަންވީ ކަންތައް ފާހަގަކޮށްފައިވެސް. އަދި އެކަންތައްތަކަށް އިތުރަށް ގައިޑްލައިންތައް އޮޅުންފިލުވާ ދީފައެވެސް. ހާއްސަކޮށް ގިނަ މުވައްޒަފުން ގެންގުޅޭ ތަންތަނުން ވަރަށް މުހިއްމުކަމެއް ސަމާލުކަން ދެއްވުމަކީ، މިހުރި ގައިޑްލައިންތައް މިހާރުވެސް އިމްޕްލިމެންޓު ކުރުމުގެ ކަންތައް،" ޑރ ނަޒްލާ ވިދާޅުވިއެވެ.
"މަސައްކަތުގެ މާހައުލުގައި، ބައެއް އޮފީސްތަކަށްވެސް އަޅުގަނޑަށް ހީވަނީ މިހާރު މާ ލައިޓްކޮށް ނެގޭހެން ކޮވިޑްގެ ކަންތައް. ކޮވިޑް ދިޔައީ ކަމަށް ހިތަށް އަރާފައި، އޭރުގައި ހުރި ކަންތައްތަކާ އެއްގޮތަކަށް ނޫންކަންނޭނގެ މިހާރު ބައެއް ތަންތަނުގައި މަސައްކަތް ކުރެވެނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން އެއް ޝިފްޓުގައި މަސައްކަތްކުރާ މުވައްޒަފުން އަނެއްޝިފްޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލު ނުވާނެހެން މަސައްކަތުގެ އިންތިޒާމު ރޭވުމާއި، ޝިފްޓު ރޯލުކުރި ނަމަވެސް އެއް ޝިފްޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ބަދަލު ނުކުރުން ފަދަ ކަންތައް ގައިޑްލައިންގައި ހިމެނޭކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މީގެެ އިތުރުން މާސްކު އެޅުމާއި ގައިދުރުކަން ފަދަ ކަންތަކަށް ސަމާލުކަންދީ އެފަދަ ގޮތަކަށް ކަންތައް ރޭވުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.
"އޮފީސްތަކުގައި ހާއްސަކޮށް ވަރަށް މުހިއްމުކަމެއް މިއީ، މިހިރަ ގައިޑްލައިންތައް [އަމަލުކުރުން]"
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް ފިލައިގެން ދިޔަކަމަށް ހީކޮށް، ކޮވިޑުގެ ކުރިން ނުވަތަ މިއަހަރުގެ ޖެނުއަރީމަހު އޮފީހުގެ ކަންތައް ގެންދިޔަ ގޮތަށް ގެންދިޔުމަށް މަސައްކަތް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ.
"ހަމައެކަނި އޮފީހަށް އަންނަ ގަޑީގައި ޓެމްޕަރޭޝާ ބަލައިލުން ރައްކާތެރިވެވުނީ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް ލިބދާނެ ކަމެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.