16 Nov 2020, 08:22
ކޮވިޑް ޖެހިގެން މީހުން މަރުވާ އަދަދަކީ ސީދާ އެވަގުތު ބަލީގެ ހާލަތު އޮންނަވަރު ދެނެގަނެވޭ މިންގަނޑެއް ނޫން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ފާއިތުވި 10 ވަރަކަށް ދުވަހު ކޮވިޑް ޖެހިގެން ވަނީ ފަސް ވަރަކަށް މީހުން މަރުވެފަ އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ އާއި ރޭވެސް ވަނީ ކޮވިޑް ރޯގާގައި މީހަކު މަރުވެފަ އެވެ. އެއާ އެކު، ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 44 އަށް އެރީ އެވެ.
އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑްގައި އާންމުކޮށް މަރުވާ މީހުންނަކީ ގިނަ ދުވަހު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މަރުވާ މީހުން ކަމަށެވެ.
"މިސާލަކަށް މިއަދު ނިޔާވި ފަރާތަކީ ގާތްގަނޑަކަށް ހޮސްޕިޓަލްގައި 23 ދުވަހު އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު ނިޔާވި ފަރާތެއް. އެހެންވީމާ ގިނަ ޑެތުސް (މަރު) މި އަންނަނީ ވަރަށް ގިނަ ދުވަސް ފަހުން. މިހެން ދެންނެވިޔަސް ބައެއް މަރު ހުރޭ ހަފްތައެއްގެ ތެރޭގައިވެސް ނޫނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިވެސް. މީހުން މަރުވާ އަދަދަކީ ސީދާ އެވަގުތު ބަލީގެ ހާލަތު އެވަގުތު ކޮމިއުނިޓީ ތެރޭގައި ހުރި މިންވަރެއް ނޫން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިހާތަނަށް ހޯދައިފައިވާ ހޯދުންތަކަށް އިޝާރާތްކުރައްވައި ނަޒްލާ ވިދާޅުވީ ކޮވިޑް ބައްޔަކީ އެކި ގުނަވަންތަކަށް އަސަރުކޮށް އެކި ކަހަލަ ކޮމްޕްލިކޭޝަންސްތައް ގެނުވާ ބައްޔެއް ކަމަށެވެ. އެހެންކަމުން ދިގު މުައްދަތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް އެކި ކަހަލަ "ކޮމްޕްލިކޭޝަންސް"ތައް އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.
"މި ނޫން ފަރާތްތަކަށްވެސް އެންމެ ފަހުގެ ސްޓަޑީޒްތަކުން ދައްކާ ގޮތުން ފުރަތަމަ ފަސޭހައިން ކޮވިޑް ޖެހިފައި ރަނގަޅުވާ ފަރާތްތަކަށްވެސް އެކި ގިނުވަންތަކަށް ދިގުދެމިގެންވާ ގެއްލުން ލިބޭކަމަށް ދައްކާ" ޑރ. ނަޒްލާ ވިދާޅުވި އެވެ.