15 Nov 2020, 23:06
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ. ރަށްފަޅު ހުރާ އިން 26 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރިސޯޓު ތަރައްގީ ކުރަމުންދާ ރަށްރަށުންނާއި ރިސޯޓުތަކުން އެކްޓިވް ސާވަލަންސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ރިޒް ކާލްޓަން އިން ތަރައްގީ ކުރާ ކ.ރަށްފަޅު ހުރާ އިން 249 ސާމްޕަލް ނެގި އިރު އޭގެ ތެރެއިން 26 ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފައެވެ. ރަށްފަޅު ހުރާ ތަރައްގީ ކުރަނީ ހަތަރު ރަށެއް ހިމެނޭ ގޮތަށެވެ. އެ ތަނުގެ މަސައްކަތުގެ 2000 އެއްހައި މީހުން ހަރަކާތްތެރިވަމުންދާ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.
މިއަދު ރާއްޖެއިން 50 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު އަދަދު މަތިވީ އެރަށުން ޕޮޒިޓިވްވި މީހުން ހިމަނައިގެން ކަމަށް އެޗްއީއޯސީ އިންބުންޏެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރަށްފަޅު ހުރާ އިން ޕޮޒިޓިވްވި މީހުން އައިސޮލޭޓުކުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެއާޕޯޓު ކާގޯ ގައި މަސައްކަތްކުރާ 22 މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ މިމަހުގެ ފަހަކުން ފެށިގެން މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ މި ކްލަސްޓާ އާއި ގުޅިގެން 27 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށާއި އެތަނުގައި މަސައްކަތްކުރާ 136 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.