15 Nov 2020, 22:06
ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 50 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މި 50 މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 21 މީހަކާއި ރަށްރަށުން އަދި އަތޮޅުތަކުން ޕޮޒިޓިވްވި 29 މީހެކެވެ. މީގެ ތެރޭ ހިމެނެނީ 19 ދިވެހިންނާއި31 ބިދޭސިންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 12،204 އަށް އަރައިފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު މިވަގުތު 865 މީހަކު ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން އެބަދެއެވެ. އޭގެތެރެއިން 47 މީހަކު ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާއިރު 249 މީހަކު ތިބީ ފެސިލިޓީތަކުގައެވެ.
މިވަގުތު ރާއްޖޭގެ 10 ރަށެއްގައި ކޮވިޑްގެ 14 ކޭސް އެބައޮޮތްކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއީ ތިން ދިވެހިންނާއި 11 ބިދޭސިންނެވެ.
އަދި 26 ރިސޯޓެއްގައި 54 ފަތުރުވެރިންނާއި 107 ސްޓާފުން މިވަގުތު ޕޮޒިޓިވް ވެފައި އެބަތިއްބެވެ.
މިހާތަނަށް 11،289 މީހުން ބަލިން ރަނގަޅުވެފައިވާއިރު ފާއިރުވި 24 ގަޑިއިރު ތެރޭ 27 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި މިހާތަނަށް 43 މީހަކު ވަނީ ކޮވިޑް19 ޖެހިގެން މަރުވެފައެވެ.