16 Nov 2020, 09:11
ބުރާސްފަތި ދުވަހު ރިލީޒްކުރި "ލޫޑޯ" އަށް ލިބެމުންދާ ތަރުހީބަށް ބެލުމަށްފަހު އެ ފިލްމުގެ ސީކުއަލެއް ގެނެސްދޭން ނިންމައިފި އެވެ.
ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ބާސޫގެ އެ ފިލްމަކީ ބޮޑު ކާސްޓަކާއެކު ގެނެސްދިން ރީތި ފިލްމެކެވެ. އާންމުންގެ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބުނުއިރު ކްރިޓީކުން ވެސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.
ފިލްމު ޕްރޮޑިއުސްކުރި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ބުނީ އަނޫރާގް އާއެކު މަސައްކަތް ކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އޭނާއާ އެކުވެގެން ފިލްމުކޮޅެއް ގެނެސްދޭން ނިންމާފައިވާކަމަށެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ލޫޑޯގެ ދެވަނަ ބައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އެންތޮލޮޖީ ޑާކް ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށްފައިވާ އެ ފިލްމު މިހާރު ނެޓްފްލިކްސްއިން ބަލާލެވޭނެއެވެ. ލޫޑޯގެ ތަރިންނަކީ އަބީޝޭކް ބައްޗަން، އަދިތްޔާ ރޯއީ ކަޕޫރު، ރާޖްކުމާރު ރާއޯ، ސާނިއާ މަލްހަތްރާ، ފާތިމާ ސަނާ ޝެއިހް، ރޯހިތު ސުރޭޝް، ސާލިނީ ވަޓްސް، ރޯހިތު ސަރަފް، އިނާޔަތް ވަރްމާ އަދި އަޝާ ނެގީ އެވެ.