ވޮޝިންޓަން (ނޮވެމްބަރު 15): އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބައޯއެންޓެކް ކުންފުނި ގުޅިގެން ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިން ކައިރި މުސްތަގްބަލެއްގައި ފަގީރު ގައުމުތަކަށް ނުލިބޭނެ ކަމަށް އެމެރިކާގެ "ސަލޮން" ވެބްސައިޓުން ބުނެފި އެވެ.

ފައިޒާ ގެ ބައެއް އިސްފަރާތްތަކާ ހަވާލާދީ "ސަލޮން" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން މުއްސަނދި ގައުމުތަކުންވަނީ ފައިޒާ އިން 2021 ވަނައަހަރުގެ ނިޔަލަށް އުފައްދަން ނިންމާފައިވާ ވެކްސިން ޑޯޒުތަކުގެ 82 އިންސައްތަ މިހާރު ގަނެފައެވެ. އެތަށް ބިލިޔަން ޑޮލަރު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކުމަށްފަހު އެމެރިކާއާއި ޔޫރަޕްގެ މުއްސަނދި ގައުމުތަކުން މިހާރުވަނީ 2021 ވަނައަހަރުގެ ނިޔަލަށް ފައިޒާއިން އުފެއްދުމަށް ޕްރޮޖެކްޓްކޮށްފައިވާ ވެކްސިން ޑޯޒުތަކުގެ 82 އިންސައްތަ ގަނެ މޮނޮޕޮލީ ކޮށްފަ އެވެ.

އެމެރިކާއާއި ޔޫރަޕުން 600 މިލިޔަން ޑޯޒުވަނީ ގަނެފައި

އެމެރިކާއިން ފައިޒާ ވެކްސިންގެ 100 މިލިޔަން ޑޯޒު ގަނެފައިވާއިރު އިތުރު 500 މިލިޔަން ޑޯޒު ފަހުން ގަތުމަށްވަނީ ނިންމާފައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުންވަނީ 200 މިލިޔަން ޑޯޒު ގަނެފައިވާއިރު އިތުރު 100 މިލިޔަން ޑޯޒު ފަހުން ގަތުމަށް ވަނީ ނިންމާފައެވެ. އިނގިރޭސިވިލާތުންވަނީ 40 މިލިޔަން ޑޯޒު ގަނެފައެވެ.

ބައިނަލްއަގްވާމީ އަދާލަތުގެ ނަމުގައި ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ގްރޫޕެއްކަމަށްވާ ގްލޯބަލް ޖަސްޓިސް ނައު ބުނާގޮތުން ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ރައްޔިތުން ކޮވިޑް-19 އަށް ސަލާމްޖަހާ ހިސާބަށް ގޮސްފައިވާ މިދަނޑިވަޅުގައި ފައިސާގެ ބާރާއި ނުފޫޒުތަށް ބޭނުންކޮށްގެން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ފައިޒާ ވެކްސިން ޑޯޒުތަށް މޮނޮޕޮލީ ކުރުމަކީ އިންސާނީ ހައްގުތަކުގެ ހަމަހަމަ ކަމުގެ ނަމުގައި އެގައުމުތަކުން އަޑުއުފުލާ އަޑުތަކާއި ޝިއާރުތަކާ ފުށުއަރާ ކަމެކެވެ.

ފައިޒާ ވެކްސިން ފަގީރު ގައުމުތަކަށް ލިބޭވަރުވާނީ 2023 ވަނަ އަހަރު

އެމެރިކާގެ ޑިއުކް ޔުނިވާސިޓީން މިކަމާބެހޭގޮތުން ކުރި ދިރާސާއެއް ބުނާގޮތުން ދުނިޔޭގެ ފަގީރު ގައުމުތަކާއި ނިކަމެތި ގައުމުތަކަށް ފައިޒާ ވެކްސިން ޑޯޒުތަށް ލިބޭވަރުވަނީ އަވަސްވެގެން 2023 ވަނައަހަރުގައެވެ. އެގައުމުތަކަށް ލިބޭނީ އެމެރިކާއާއި ޔޫރަޕުން ނަގާފައިވާ ބާކީވާ ޑޯޒްތަކެވެ. ޚާއްސަކޮށް ވެކްސިން އުފެއްދީ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެންކަމަށްވާތީ ވެކްސިންގެ ފުރަތަމަ މަރުހަލާގެ 82 އިންސައްތަ ޑޯޒުތަށް ލިބޭނީ އެމެރިކާއަށާއި ޖަރުމަނަށެވެ. ދެވަނަ މަރުހަލާގެ 82 އިންސައްތަ ޑޯޒުތަށް ލިބޭނީ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށެވެ. ތިންވަނަ މަރުހަލާގެ 82 އިންސައްތަ ޑޯޒުތަށް ލިބޭނީ އިނގިރޭސިވިލާތާއި ގަލްފުގެ މުއްސަނދި ގައުމުތަށްފަދަ އެމެރިކާއާއި ޔޫރަޕާ ވިޔަފާރީގެ ގޮތުން ގުޅިފައިވާ މުއްސަނދި ގައުމުތަކަށެވެ.

ފައިޒާއިން މަސައްކަތް ކުރަނީ ޑިސެމްބަރުގެ ނިޔަލަށް 30 މިލިޔަން ޑޯޒު ބާޒާރަށް ނެރުމަށެވެ. އަންނައަހަރު ފައިޒާގެ ވެކްސިން ޑޯޒު އުފައްދާ މިންވަރު ޑަބަލް އަވަސްކުރާނެއެވެ. އެހެންކަމުން އަންނައަހަރު ގެ މެދަކާ ހަމައަށްދާއިރު 700 މިލިޔަން ޑޯޒު ފައިޒާއިން އުފައްދާނެކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް އަންނައަހަރުގެ ފުރަތަމަ 6 މަސްތެރޭގައި މިވަރަށް ވެކްސިން އުފެއްދޭނެކަމުގެ ޔަގީންކަން ފައިޒާއިން އަދި ދީފައެއް ނުވެއެވެ.

ކޮވިޑުން ސަލާމަތްވާނެކަމުގެ 90 އިންސައްތަ ގެރެންޓީ ފައިޒާ ވެކްސިނުން ލިބޭ

ފައިޒާ އިން އުފެއްދި ވެކްސިން އިން ކޮވިޑްއިން ސަލާމަތްވާނެކަމުގެ 90 އިންސައްތައިގެ ގެރެންޓީ ލިބޭކަންވަނީ ކަށަވަރުކުރެވިފައެވެ. ފައިޒާ ވެކްސިން ނޫންނަމަވެސް ރަޝިއާއިން އުފެއްދި ވެކްސިންއާއި ޗައިނާއިން އުފެއްދި ވެކްސިން އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީން އުފެއްދި ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަޖުރިބާ މިމަހުގެ ނިޔަލަށް ނިމި ޑިސެމްބަރުގައި އެވެކްސިންތަށްވެސް ބާޒާރަށް ނެރޭނެކަމަށް ރިޕޯޓްތަށް ބުނެ އެވެ. (ނޫސްއެޖެންސީތަށް)