15 Nov 2020, 16:21
ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭއިން ބަދަލު ގެނައުމާއި ގުޅިގެން ޝަރުއީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތް ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލަށް ބަދަލު ގެނެސްފި އެވެ.
މިއަދު ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ވަނީ، އެ ޑިޕާޓްމެންޓުން ނެރުނު ކޮވިޑް-19ގެ ނިއުނޯމަލްގައި ޝަރުއީ ކޯޓުތަކާއި އިދާރާތައް ހިންގުމާއި މަސައްކަތް ކުރުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި މުވައްޒަފުން އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާން ކުރާ އުސޫލަށް ބަދަލު ގެނެސްފައިވާތީ، ކޯޓުތަކުގެ އިދާރީ އިންތިޒާމު ހަމަޖެއްސުމުގައި މިއަދުން ފެށިގެން އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފަ އެވެ.
ޑީޖޭއޭއިން ބުނި ގޮތުގައި ހައިރިސްކު ފަރާތްތައްވެސް ދެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީހަށް ނުކުންނަން ވާނެ އެވެ. އޮފީހުގައި ޖާގައިގެ ދަތިކަން ދިމާވެގެން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މުވައްޒަފުން މަސައްކަތަށް ނުނެރެވޭނެ ހާލަތެއްގައި ދަންފަޅި ބަހައިގެން ރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތަށް ނެރެން ޖެހޭނެ ކަމަށްވެސް އެ ޑިޕާޓްމެންޓުގެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19އަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައި ނަތީޖާ ލިބިފައި ނުވާ ފަރާތްތަކާއި، ޑައިރެކްޓް ކޮންޓެކްޓަކަށް ވުމާ ގުޅިގެން އެކަހެރިވާން އަންގާފައިވާ ފަރާތްތަކާއި، މޮނިޓަރިންއަށް ލާފައި ހުރި ގެއެއްގައި އުޅޭ މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޑީޖޭއޭއިން އަންގާފައިވެ އެވެ. އަދި މަސައްކަތުގެ ބާވަތުގެ ސަބަބުން ގޭގައި މަސައްކަތް ކުރެވޭނެ ހާލަތު ނެތް މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭނެ ކަމަށްވެ އެވެ.
ގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް މޮނިޓާކޮށް، މަސައްކަތުގެ ސްޓޭޓަސް ރިޕޯޓެއް ހަފްތާއަކު އެއް ދުވަހު އެޗްއާރް ސެކްޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސްވެ ޑީޖޭއޭއިން ބުނެފަައިވެ އެވެ. އަދި ގޭގައި މަސައްކަތް ކުރަން ހުއްދަ ދެވިފައިވާ މުވައްޒަފަކަށް ޒިންމާ އަދާ ނުކުރެވޭ ނަމަ އޮފީހަށް ނެރެން ޖެހޭނެ ކަމަށްވެ އެވެ.
މި ބަދަލުތައް ގެނައި ނަމަވެސް، ކޮވިޑް-19އާ ގުޅިގެން އޮންލައިންކޮށް ދެމުންދާ ހިދުމަތްތަކަށް ބަދަލެއް ނުގެނައުމަށް ޑީޖޭއޭއިން އަންގާފައިވެ އެވެ.