15 Nov 2020, 14:16
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ރާއްޖޭފައި ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް ލޯންޗުކޮށްފި އެވެ.
އެ ޕްރޮގްރާމްގެ ދަށުން ދިވެހިން އިތުރަށް ތަމްރީނުކުރުމަށް އައިޖީއެސް އިން ވަނީ އިނގިރޭސިވިލާތުގެ ފައުންޑޭޝަނެއް ކަމަށްވާ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް ރާއްޖޭގައި ލޯންޗުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެސް ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ލޯންޗް ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ދަށުން އެ މަސައްކަތްތައް ކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ތަމްރީންތައް ކުރިއަށް ގެންދާނީ އެމެރިކާގެ ތަޖުރިބާކާރުން ކަމަށް އައިޖީއެސް އިން ބުނެއެވެ.
އައިޖީއެސްއިން އިން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިކުރާނީ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށެވެ.
"ސްޕޭސް ޕްރޮގްރާމުގެ ދަށުން އަޅުގަނޑުމެން ފަށާ ފުރަތަމަ ރިސާޗް ޕްރޮޖެކްޓް އަންނަ އަހަރުގެ ކުރީކޮޅު ތައާރަފް ކުރެވޭނެ. ޕްރޮޖެކްޓްގެ ޓެކްނިކަލް ސްޓަޑީ އަދި ފީޒިބިލިޓީ ހެދީ ވެސް އިންޑަސްޓްރީގެ ތަޖުރިބާކާރުން،" ރިފްއަތު ވިދާޅުވި އެވެ.
އެގޮތުން އެ ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް ރީތި ނަން ހޯދައިދީ ޒުވާނުންގެ އުއްމީދުތައް ހާސިލުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހި އެސްޓްރޮނޯޓުން ސްޕޭސް އިންޑަސްޓްރީ ގައި މަސައްކަތް ކުރާ ދުވަސް އަޅުގަނޑުމެން ދެކެން ބޭނުން. އެފަދަ ފުރުސަތު ތައް ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެސްއަކީ ރާއްޖޭގެ މުސްތަގުބަލުގެ ލީޑަރުން ބިނާ ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި ލީޑަރުން ބިނާކުރުމަށް ދުނިޔޭގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްޓަކައި ވަނީ ނިންމާފައި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.