22 Jan 2012, 01:09
ތެހެރާން (ޖަނަވަރީ 21) : އީރާނުގެ ނިއުކްލިޔަ ސައެންޓިސްޓުން މެރުމަށް ހިންގާ ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގުމުގެ ފަހަތުގައިވާ އެންމެ އިސްފަރާތަކީ އިސްރާއީލުކަމަށާއި މިކަމުގެ ބަދަލު ވަރަށް ވޭންދެނިވިގޮތަކަށް އިސްރާއީލުގެ ކިބައިން ހިފާނެކަމަށް އީރާން ބުނެފިއެވެ.
އީރާނުގެ ޕާލަމެންޓްގެ ރައީސް ޑރ. ޢަލީ އަކްބަރު ލާރިޖާނީ އިސްރާއީލަށް އިންޒާރު ދެއްވަމުން ވިދާޅުވީ އީރާނުން މިކަމުގައި ގެންގުޅޭނީ ޤިސާސް ހިފުމުގެ އުސޫލުކަމަށާއި ޤިސާސް ހިފުމުގެ ގޮތުން އިސްރާއީލުގެ ނިއުކްލިޔަރ ސައެންސްވެރިން މެރުމަކީ އީރާނަށްވެސް ކުރެވިދާނެކަމެއް ކަމުގައެވެ.
"އިސްރާއީލަކީ ޓެރަރިޒަމްގެ ތެރެއިން އުފެދުނު ޓެރަރިސްޓް ޤައުމެއް، މި ޣައިރު ޤާނޫނީ ޤައުމު، ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ފަލަސްތީނުގެ ބިމުގައި ދެމިއޮވެ މެދުއިރުމައްޗަށް ބިރުދައްކައި ސަރަޙައްދު ހައިކެޖް ޓެރަރިޒަމްގެ ޢަމަލުތައް ހިންގަނީ ނިއުކްލިޔަރ ހަތިޔާރުން ބިރުދައްކައިގެން، ވީމާ އެކަން އިސްރާއީީލަށް ތާއަބަދަކު ނުކުރެވޭނެ" ލާރިޖާނީ ވިދާޅުވިއެވެ.
މިޖަނަވަރީ މަހުގެ 14 ވަނަދުވަހު ޓެރަރިސްޓް ޙަމަލާއެއްދީގެން އަވަހާރަކޮށްލި އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓް މުސްތަފާ އަޙްމަދީއަކީ އީރާނުގެ ނަތަންޒް ނިއުކްލިޔަރ މަރުކަޒުގެ ސަޕްލައިތަކާބެހޭ ޑިޕާޓްމަންޓްގެ އިސްވެރިޔާއެވެ. މުސްތަފާ އަވަހާރަކޮށްލި ޓެރަރިސްޓް ޙަމަލާގެ ފަހަތުގައިވަނީ އެމެރިކާއާއި އިސްރާއީލުކަމަށް އީރާނުންވަނީ އެތަށްފަހަރަކު ތުހުމަތުކޮށްފައެވެ. މިތުހުމަތުތަކަށް އިސްރާއީލު އިންކާރު ކޮށްފައެއްނުވެއެވެ.
ފާއިތުވި ތިންއަހަރު ތެރޭގައި، އީރާނުގެ ސައެންސްވެރިން އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި އެޤައުމުގެ އިތުރު ދެސައެންޓިސްޓަކު އަވަހާރަކޮށްލައި ރޮކެޓް ސައެންސާބެހޭ ރީސާޗް މަރުކަޒެއް ގޮއްވާލާފައިވާއިރު މިޙަމަލާތަކުގެ ފަހަތުގައިވާކަމަށް އީރާނުން ތުހުމަތުކޮށްފައިވަނީ އެމެރިކާއާއި އިސްރާއީލުގެ އިތުރުން އިނގިރޭސިވިލާތެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން މިކަން ދޮގުކުރެއެވެ އިސްރާއީލުންވަނީ މިޓެރަރިސްޓް ޙަމަލާއާމެދު އުފާކުރާކަން ހާމަކޮށްފައެވެ.
އީރާނުންވަނީ އެޤައުމުގެ ސައެންސްވެރިން މެރުމަށް ދެވޭ ޓެރަރިސްޓް ޙަމަލާތަކުގައި އދ. އާއި އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ ގެ ވެސް ދައުރެއްވާކަން ތަޙްޤީޤްތަކުން ހާމަވާކަމަށް ތުހުމަތުކޮށްފައެވެ.
އދ. ގައި ހުންނަވާ އީރާނުގެ ދާއިމީ މަންދޫބުގެ ނައިބު އިސްޙާޤް ޙަބީބު ވަނީ އީރާނުގެ ނިއުކްލިޔަރ ސެއެންޓިސްޓުންނާބެހޭ މަޢްލޫމާތު އިސްރާއީލުން ހޯދަނީ އދ. އާއި އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ ން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް މިދެމުއައްސަސާއިންވަނީ އީރާނުގެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.