ރާއްޖެއިން ސިންގަޕޫރަށާއި ބަންގްލަދޭޝަށް ކަނޑައަޅުއްވާ އާ ސަފީރުން އެ މަގާމުތަކަށް އައްޔަނުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ދެ މަގާމަށް އައްޔަނުކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސިންގަޕޫރަށް ކަނޑައަޅުއްވާ އާ ސަފީރުގެ މަގާމަށް އައްޔަނުކުރެއްވީ ހ. ޖެހޭވައި، އިބްރާހިމް ޝަހީބެވެ. ޝަހީބު އެ މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. މީގެ ކުރިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމާއި ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވި ޝަހީބު ވަނީ ސިންގަޕޫރުގައި ހުންނަވާ އެކްތިން ހައިކޮމިޝަނަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. ޝަހީބު ކިޔަވާވިދާޅުވީ ސިންގަޕޫރުގެ ލީ ކުއަން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީންނާއި އަދި އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީންނެވެ.

ސިންގަޕޫރަށް ރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު އިބްރާހިމް ޝަހީބަށް ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅު އަރުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމުންނެވެ.

ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު ޝިރުޒިމަތު ޝަމީރަށް ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅު އަރުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝަށް ކަނޑައެޅުއްވި އާ ސަފީރަކީ މ. ޒީނާ، ޝިރުޒިމަތު ސަމީރެވެ. ޝިރުޒިމަތަކީ ފޮރިން މިނިސްޓްރީގެ އެކިއެކި އިސް މަގާމުތަކާއި، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި އަދި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރު ކައުންސެލަރުގެ މަގާމު ފުރުއްވާފައި ހުންނަވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓްރަލް އޭޝިއާ ޑިވިޝަނުގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެވެ. ޝިރުޒިމަތު ކިޔަވާވިޑާޅުވީ ނޭޝަނަލް ޔުނިވާސިޓީ އޮފް މެލޭޝިއާއާއި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުންނެވެ.

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްކަމަށް އައްޔަނުކުރެއްވި އާއިޝަތު ޝާން ޝާކިރު --- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ފޮރިން މިނިސްޓްރީގައި ހުސްވި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ގ. ޕެންޒީމާގެ، އާއިޝަތު ޝާން ޝާކިރު އައްޔަނުކުރައްވާފައެވެ. ޝާން މިއަދާ ހަމައަށް ހުންނެވީ ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ. އޭނާ ކުރިން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކާއި، މެލޭޝިއާ އަދި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި މިޝަންތަކުގައި މަސައްކަތް ކުރައްވާފަ އެވެ.