އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގައި ދިމާވަމުން އަންނަ ކަންތައްތަކުގެ ނޭދެވޭ އަސަރު ޕޮގްބާއަށް ޖިސްމާނީ އަދި ރޫހާނީ ގޮތުން ވެސް އިންތިހާއަށް ކޮށްފައިވާ ކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް އަތުން 0-1 ގެ ނަތީޖާއަކުން ފްރާންސް މޮޅުވި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޕޮގްބާ ޖުމުލަކޮށް އޭނާގެ ކުރީގެ ފެންވަރަށް ނުކުޅެވޭކަން ފަހަކަށް އައިސް ގިނަބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. ކުލަބާއި ގައުމީ ޓީމުގައި ވެސް ވިދުން ގަދަ ޕޮގްބާއަށް ވަމުން އަންނަ ގޮތާ މެދު ކޯޗުން ވެސް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ފްރާންސުގެ ކޯޗު ޑެޝޯމްޕް އެކަމުގެ ޒިންމާ އަޅުވަނީ ޔުނައިޓެޑުގެ ބޮލުގަ އެވެ.

ޑެޝޯމްޕްގެ މި ތުހުއްމަތުތައް ކޮށްފައިވަނީ މިފަހަކަށް އައިސް ޔުނައިޓެޑުގައި ޕޮގްބާ "ބާކީ" ވާ ފަދަ ގޮތަކަށް އެކުލަބުން އަމަލު ކުރަމުން އަންނާތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ތިން މެޗުގެ ތެރެއިން ފުރަތަމަ އެގާރައިން ޕޮގްބާއަށް ފުރުސަތު ލިބުނީ އެންމެ މެޗެއްގަ އެވެ. އަދި ޕްރިމިއާ ލީގުގައި ވެސް ޕޮގްބާ ގިނަ މެޗުތައް ފަށަން ޖެހެނީ ބެންޗުންނެވެ.

މިކަންކަމުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު މިވަގުތު އޮތް ގޮތުން މިޑްފީލްޑާ ޕޮގްބާއަށް އުފަލެއް ނުލިބޭނެ ކަމަށް ޑެޝޯމްޕް ވަނީ ބުނެފަ އެވެ.

"އޭނާ މިހާރު ހުރީ އެންމެ ރަނގަޅަކަށް ނޫން. އެކަން އަހަރެންނަށް ފާހަގަވެއްޖެ މާކުރިން ވެސް. ފިންލެންޑް މެޗުން އޭނާ އެނބުރި ފޯމަށް އެޅޭނެ ކަމަށް ހީކުރެވުނު. އެކަމަކު އެއަށްވުރެން ހާލަތު ގޯސްވެފައި އޮތީ،" ޕޯޗުގަލް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑެޝޯމްޕް ބުނެފައިވެ އެވެ.

ޑެޝޯމްޕް ބުނީ، މިކަމުގައި ޔުނައިޓެގް ޒިންމާ ބޮޑު ކަމަށެވެ. އަދި ކުލަބުގެ ހާލަތު އޮތް ގޮތުން ޕޮގްބާއަށް ޖިސްމާނީ ގޮތުންނާއި، ރޫހާނީ ގޮތުން ވެސް ގެއްލުން ވެފައިވާ ކަމަށާއި، އެކަން އޭނާ ކޮންމެތާކު ކުޅުނަސް ފާޙަގަ ވާނެ ކަމަށެވެ.

ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ އެންގޯލޯ ކަންޓޭ އެވެ. ފުރަތަމަ ހާފުގައި އެންތޮނީ މާޝިއަލްއަށް ވަނީ ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބިފަ އެވެ.

ގައުމީ ޓީމަށް ކަންޓޭ ޖަހައި ދިނީ އޭނާގެ ދެ ވަނަ ލަނޑެވެ. އަދި އެ ލަނޑަކީ 2016 ގެ ފަހު ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. އެ ލަނޑާއެކު ، ޕޯޗްގަލްއިން ދެމެހެއްޓި ލަނޑެއް ނުވަނުމުގެ ރެކޯޑް ޖެހިޖެހިގެން ފަސް މެޗަށް ފަހު ވަނީ ނިމިފަ އެވެ.