ކޮވިޑް 19 ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ.

މިއަދު މަރުވީ 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުންޏެވެ. އެސެންޓަރުން ބުނީ އެމީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:05 ގައި ކަމަށެވެ.

އެއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 43 ވަނަ މީހާ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި މަރުވި ތިން ވަނަ މީހާ އެވެ.

އިއްޔެ ރާއްޖެއިން 42 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ހަފްތާއެއްގެ ތެރޭގައި ދުވާލަކަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރު އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދުވާކަށް އުޅެނީ 30 އިން ދަށުގަ އެވެ.

މިޙާރު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅެނީ 12154 ގަ އެވެ. އޭގެ ތެރެއިން 843 މީހަކަށް ދަނީ ފަރުވާދެމުންނެވެ.