22 Jan 2012, 00:43
ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުން ރައްޔިތުންނަށް ލިބިދިން އެންމެ އަގު ހުރި އިނާމަކީ ބިރުވެރިކަމުން ސަލާމަތްވެތިބުމުގެ މިނިވަންކަން ކަމަށާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ހާދިސާގެ ސަބަބުން އެ މިނިވަންކަން ގެއްލި ދިއުމުގެ ބިރު އުފެދިފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގްގައި މިއަދު ލިއުއްވާފައިވާ ގޮތުގައި އަބްދުﷲ ގާޒީގެ މައްސަލަ މުހިއްމު ވަނީ އޭނާއަކީ ގާޒީއަކަށް ވާތީ ނުވަތަ އެއީ ކްރިމިނަލް ކޯޓަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ނޫން ކަމަށެވެ. އޭނާއަކީ އެހެން ދިވެހިން ފަދައިން ދިވެހި ރައްޔިތަކަށް ވާތީ ކަމަށެވެ.
އަދި ނައިބު ރައީސް މިހެން ލިޔުއްވަ އެވެ: "ބިރުވެރިކަމުން މިނިވަންވެ ތިބުމަކީ ރޭގަނޑު ދަންވަރު ނިދާފައި އޮއްވާ އެނދުމަތިން ދަމައި [ވައްޓާލައިގެން] ކޮންތަނެއްކަން ނޭނގޭ ތަނަކަށް ނުގެންދާނެ ކަން އެނގި ތިބުމެވެ. އަޅުގަނޑުމެން އެ މިނިވަންކަން އެއްވެސް މީހެއްގެ ފަރާތުން ނިގުޅައިގަންނަ ވަގުތު މިނިވަންކަން އެ ނިގުޅައިގަންނަނީ އެންމެންގެ ފަރާތުންނެވެ،"
އެމަނިކުފާނު ލިޔުއްވާފައި ވަނީ ބިރުވެރިކަމުން ސަލާމަތްވެ ތިބުމަކީ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަންރައިޓްސް އިން ކަށަވަރުކޮށްދީފައިވާ ކަމެއް ކަމަށާއި ބާރުގެ ބޭނުންކޮށްގެން މީހުން ގެއްލުވާލުން މަނާކުރާ މުއާހަދާގައި ރާއްޖެ ސޮއިކޮށްފައިވާ ކަމަށެވެ.
ސިފައިން، އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ހާދިސާ އަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ލިޔުއްވާފައި ވަނީ ކޯޓް އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ މައްސަލަ ބައެއް ތައުލީމީ ޒުވާނުން ފަސޭހަ ގޮތަކަށް ނަގާތީ އެ މަނިކުފާނު ސިހިވަޑައިގެންފައި ހުންނެވި ކަމަށެވެ.
ލިއުއްވުން ނިންމަވާލައްވަމުން ޑރ. ވަހީދުގެ ވިދާޅުވެ އެވެ: "ތިރީސް އަހަރު ވަންދެން މިގައުމުގެ މިނިވަންކަމަށް ޓަކައި ބުރަ މަސައްކަތްތައް ކުރި މީހުންގެ މަސައްކަތް ބޭކާރުވެފައިވާ ކަމަށް ހީވެ އެވެ. އަދި މިހުރިހާ ކަމެއް ހިނގަމުން މިދަނީ އެ ސަރުކާރެއްގެ ނައިބު ރައީސް ކަމަށް އަޅުގަނޑު އިންތިހާބުވެފައިވާ ސަރުކާރެއްގައި ކަމަށް ވާތީ އެކަމާ މުޅިން މާޔޫސްވެ، ލަދުގެންފި އެވެ."
ނާއިބު ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޒުހައިރު ވިދާޅު ވަނީ ސުޕްރީމް ކޯޓުގެ އަމުރަކީ އާންމު އެންގުމެއް ކަމަށާއި އެ އަމުރުގައި ބަޔާންކޮށްފައިވާ ހާލަތަކަށް މޭރުންވާ ގޮތަކަށް އެއްވެއްސް މީހަކު ހައްޔަރުކޮށްފައި ނުހުންނާނެ ކަމަށެވެ.
"އެހެންކަމުން ވަކިފަރުދެއްގެ ނަން ލިޔެފައި އޮތަސް އެފާހަގަކުރަށް ވަނީ އެމީހަކީ ކޮންމެހެން އޭނަ އެއީ އޭނާ ކަމަށް ވާތީ ނޫން ކަމަށާއި އެއީ މުޅި ދައުލަތަށް އާއްމު އަމުރެއް ކަމުން އެވިދާޅުވާ އަމުރުގައި ބަޔާން ކުރަށްވަފައިވާ ހާލަތްތަކަށް މޭރުންވާ ގޮތްތަކުގެ މަތިން ހައްޔަރުކޮށްފައިވާ މީހަކު ހުރި ނަމަ އެމީހާ ދޫކޮށްލަން ކަން އެނގޭ.،" ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވެ އެވެ.