ވޮޝިންޓަން (ނޮވެމްބަރު 15): އެމެރިކާގައި ދާދިފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށްބުނެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ވޮޝިންޓަންގައި މުޒާހަރާކޮށްފިއެވެ.

މުޒާހަރާކުރި ފަރާތްތަށް އެއްވެ އަޑުއުފުލާފައިވަނީ ވައިޓްހައުސްގެ ކައިރީގައިވާ ފްރީޑަމް ސްކޮއާ ގައެވެ. ގާތްގަނޑަކަށް 10 ހާސްމީހުން މިތަނަށް އެއްވެ އެމީހުންވަނީ ޓްރަމްޕްގެ ކޭންޕޭން ޝިއާރުތަށް އުފުލާފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާނެކަމުގެ ގޮވުންތަށް އެމީހުން ގޮވަމުންދިޔައެވެ.

ޓްރަމްޕް މުޒާހަރާކުރި މީހުންނާ މުޚާތަބު ކުރައްވައި އެމީހުންނަށް ހިއްވަރު ދެއްވި

ޓްރަމްޕްވަނީ ވައިޓް ހައުސް އިން ނުކުމެވަޑައިގެން މުޒާހަރާކުރި މީހުންނާ މުޚާތަބު ކުރައްވައި އެމެރިކާގެ ރިޔާސީ އިންތިޚާބަކީ މަކަރާއި އޮޅުވާލުމުން ފުރިގެންވާ އިންތިޚާބެއް ކަމަށް ވަނީ ސިފަކުރައްވާފައެވެ. އަދި އިދިކޮޅުން އިންތިޚާބު ވަގަށްނެގީ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އިންތިޚާބުގައި މަކަރާއި އޮޅުވާލުން ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެތް ޓްރަމްޕް ދައްކަވާފައެއް ނުވެއެވެ. އަދި އިދިކޮޅުން އިންތިޚާބު ވަގަށްނެގީ ކޮންގޮތަކަށްކަންވެސް ޓްރަމްޕަށް ބުނެދެވިފައެއް ނުވެއެވެ.

ޓްރަމްޕް

އެއަށްފަހު މުޒާހަރާވެރިން ދިޔައީ އެމެރިކާގެ ކޮންގްރެސްގެ އިމާރާތާ ކައިރީގައި ހުންނަ އެމެރިކާގެ ހައިކޯޓު ކައިރިއަށެވެ. އެތަނަށް ޖަމާވެތިބެގެންވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށްބުނެ ޓްރަމްޕްގެ ސަޕޯޓަރުން އަޑުއުފުލިއެވެ. މީގެއިތުރުން އެރިޒޯނާގެ ފިނެކްސް ސިޓީގައިވެސް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ މުޒާހަރާކޮށްފައެވެ. އެމުޒާހަރާގެ ބައިވެރިންވެސްވަނީ ޓްރަމްޕްގެ ކޭންޕޭން ޝިއާރުތަށް އުފުލައި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށްބުނެ އަޑުއުފުލާފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ތިބީ ގޮތްދޫކުރާގޮތަކަށް ނޫން

ރިޕޯޓްތަށް ބުނާގޮތުން ޓްރަމްޕްގެ ސަޕޯޓަރުން ތިބީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. އެމީހުންތިބީ ހަމަނުޖެހުމަކަށްދާން ޖެހުނު ނަމަވެސް ޓްރަމްޕްގެ ދިފާއުގައާއި އެމީހުންގެ މަގުސަދުތަށް ހާސިލްވަންދެން ނުކުންނަ ގޮތަށެވެ. އެމީހުންތިބީ ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވި އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާގޮތަކަށް ނޫނެވެ. އެހެންކަމުން ކުރިޔަށްއޮތް ދުވަސްތަކުގައި އެމެރިކާގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.

ޓްރަމްޕްގެ ސަޕޯޓާރުންގެ ތެރޭގައި ފޭޝިޒަމް އަށް ތާއީދުކުރާ މީހުން ހިމެނޭ

ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރޭގައި 30 ވަރަކަށް މިލިޔަންމީހުން ތިބިއިރު އޭގެތެރޭގައި ހަތިޔާރުއެޅި ގޭންގްތަށްވެސް ހިމެނޭކަމަށްވެއެވެ. ޓްރަމްޕްގެ ސަޕޯޓާރުންގެ ތެރޭގައި ހިމެނެނީ ފޭޝިޒަމް އަށް ތާއީދުކުރާ މީހުންނާއި ނަސްލީ އިމްތިޔާޒަށް ހިއްވަރުދޭ މީހުންނާއި ހިޖުރައާ އިދިކޮޅު މީހުންނެވެ. އަނެއްކޮޅުން ޓްރަމްޕާ އިދިކޮޅު ފަރާތްތަކުންވެސް ގެންދަނީ ވޮޝިންޓަންއާއި އެމެރިކާގެ އެތަށް ސްޓޭޓެއްގައި ފުޅާދާއިރާއެއްގައި މުޒާހަރާތަށް ކުރުމަށް ރާވަމުންނެވެ. ޓްރަމްޕާ އިދިކޮޅު މީހުންގެ ތެރޭގައި ހިމެނެނީ ލެބަރަލް ފިކުރުގެ މީހުންނާއި އެމެރިކާގެ ކަޅުނަސްލުގެ މީހުންނާއި އެނޫންވެސް ނަސްލުތަކުގެ މީހުންގެ އިތުރުން ނަސްލީ އިމްތިޔާޒާ އަދި ފޭޝިޒަމް އާ އިދިކޮޅު މީހުންނެވެ. (އެމެރިކާގެ މީޑިއާ)