ޕެރިސް (ނޮވެމްބަރު 14): ފްރާންސުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ދެވަނަ ފަހަރަށް ފުރަބަންދު ކުރި ފަހުން އެގައުމުން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

މިދިޔަ މާޗް މަހު ފްރާންސް ފުރަތަމަ ފަހަރަށް ފުރަބަންދު ކުރުމަށް ފަހު ގައިދުރު ކުރުމުގެ ފިޔަވަޅުތައް މެއި މަހު ލުއި ކުރަން ފެށި ނަމަވެސް ކޮވިޑުގެ ދެވަނަ ރާޅެއްގެ ސަބަބުން މިދިޔަ މަހުގެ 30ގައި އެގައުމު އަނެއްކާވެސް ފުރަބަންދު ކުރި އެވެ.

ފްރާންސުގެ ހެލްތު މިނިސްޓްރީން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން އެގައުމުން ހުކުރު ދުވަހު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަައި ވަނީ 23،794 މީހުންނެވެ. އަދި ބުރާސްފަތި ދުވަހު އެގައުމުން 33،172 މީހަކު ޕޮޒިޓިވްވި އިރު މިދިޔަ ހަފްތާގެ ހުކުރު ދުވަހު 60،486 މީހުންނަށް ބަލި ޖެހުނެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ފްރާންސުގައި ކޮވިޑް ބަލި ޖެހިގެން 737 މީހަކު މަރުވި ނަމަވެސް ހުކުރު ދުވަހު އެ އަދަދު ވަނީ 24އަށް ތިރިވެފަ އެވެ. އަދި އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ އެ ދެ ދުވަސް ތެރޭ 96އިން އެންމެ ހަތަރެކަށް ވެއްޓިފަ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހުން ހުކުރު ދުވަހަށް، ފްރާންސުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ދަނިކޮށް ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެއީ 425އިން 456އަށެވެ.

ފްރާންސުގެ ފުރަތަމަ ފުރަބަންދަށް ފަހު އޮގަސްޓު މަހާ ޖެހެންދެން ގިނަ ދުވަސްތަކުގައި އެގައުމުން ފެންނަމުން ދިޔައީ 1،000އަށް ވުރެ މަދު ކޭސްތަކެވެ. ނަމަވެސް އޭގެ ފަހުން އެގައުމުގައި ވައިރަހުގެ ކޭސްތައް އިތުރުވެ، ބައެއް ދުވަސްތަކުގައި ރެކޯޑު މިންވަރަކަށް މީހުން ޕޮޒިޓިވްވާން ފެށި އެވެ. އެގޮތުން އެގައުމުގައި މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގަ އެވެ. އެއީ 86،852 މީހުންނެވެ.

ފްރާންސުގެ މިފަހަރުގެ ފުރަބަންދު ދެމިގެންދާނީ އަންނަ މަހާ ޖެހެން ދެނެވެ. އަދި ކުރީގެ ފުރަބަންދެކޭ އެއްގޮތަށް މިފަހަރުވެސް މީހުންނަށް ގެއިން ބޭރަށް ދެވެނީ އަސާސީ މަސައްކަތަށާއި ސިއްހީ ސަބަބުތަކާ ހެދި އެވެ. ނަމަވެސް ގައުމުގެ އިގުތިސާދު އިނދަ ޖެހުން ހުއްޓުވުމަށްތަކައި އާއްމު ހިދުމަތްތައް ހުއްޓާނުލުމަށާއި ފެކްޓަރީތައް ބަންދު ނުކުރަން ފްރާންސުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފްރާންސުގައި މިހާތަނަށް 1.92 މިލިއަން މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 43,892 މީހަކު ވަނީ މަރުވެފަ އެވެ.