14 Nov 2020, 22:13
މިއަދު ރާއްޖެއިން 42 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު، 18 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހީންނާއި 14 ބިދޭސީންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. ބާކީ 10 މީހުންނަކީ ރަށްރަށާއި ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންނެވެ.
މިއަދު ބަލިން ރަނގަޅުވި 18 މީހުންނާއެކު، ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،262އަށް އަރައިފަ އެވެ.
މިހާތަނަށް ރާއްޖެއިން 12،154 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެެ. މިވަގުތު ބަލި ޖެހިފައި ތިބީ 843 މީހުންނެވެ.
މިވަގުތު 246 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި އިރު، 49 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަ ދެ އެވެ.
މިހާތަނަށް ރާއްޖެއިން ބަލީގައި މަރުވި މީހުންގެ އަދަދަކީ 42 އެވެ.