14 Nov 2020, 18:05
މާލޭގައި ޓެކްސީގެ ހިދުމަތްދޭ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް، ބަންދުކޮށްފި އެވެ.
އައިމިނަތު ވަހީދާގެ ކާރަށް ގެއްލުން ދިނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ މާލޭ އިއްޒުއްދީން މަގު، ތޮއިބާ މިސްކިތް ކައިރީ ޕާކުކޮށްފައި އޮއްވަ އެވެ. އެ ކާރުގެ ވިންޑް ސްކްރީން ތަޅާލައި، އެހެނިހެން ގެއްލުންދިން މައްސަލަ ބަލަމުންް އަންނަ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، މި މަހުގެ ފަސް ވަނަ ދުވަހު އެ މައްސަލައިގައި ތުހުމަތު ކުރެވޭ 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ފަސް ދުވަސް ޖެހައި، މި މަހުގެ 12 ވަނަ ދުވަހު އެނާގެ ބަންދަށް އިތުރު ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން، ރޭ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، އޭނާގެ ބަންދަށް މިއަދު ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.
މީގެ ކުރިންވެސް އެކި ފަހަރު މަތިން އާމިނަތު ވަހީދާގެ ކާރަށް ގެއްލުންދީފައިވެ އެވެ. އޭނާ ފޭސްބުކްގައި ބުނެފައިވާ ގޮތުގައި މިއީ އޭނާ ޓެކްސީ ކުރަން ފެށިފަހުން ކާރަށް ގެއްލުންދިން ފަސް ވަނަ ފަހަރެވެ.
ޓެކްސީއަށް ގެއްލުން ލިބުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓޭ ކަމަށާއި، ޓެކްސީ އަަށް ތަކުރާރުކޮށް ގެއްލުންދެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް އާންމުންނާއި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް އޭނާ ބުނެފައިވެއެވެ.