14 Nov 2020, 11:21
ލަންޑަން (ނޮވެމްބަރު 14): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިސް މުޝީރު ޑޮމިނިކް ކަމިންސް މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އިނގިރޭސި މީޑިއާތައް ކަމަށްވާ ސްކައި ނިއުސް އާއި ބީބީސީ އިން ބުނި ގޮތުގައި އިއްޔެ ބޮޑުވަޒީރުގެ އޮފީސް ދޫކުރައްވާ ވަޑައިގެންނެވި ކަމިންސް ދެން ވަޒީފާއަށް ނުނިކުންނަވާނެ އެވެ. އަދި ގާޑިއަން އާއި ފައިނޭންޝަލް ޓައިމްސްގައިވާ ގޮތުން ކަމިންސް އިސްތިއުފާ ދެއްވީ ޖޯންސަންގެ އެންގެވުމަށެވެ.
ކަމިންސް އިސްތިއުފާ ދެއްވުމަށް ޖޯންސަން އެންގެވީ އޭނާ އާއި އޭނާގެ ބައިވެރިޔާ ކެރީ ސިމަންޑްސްގެ އަބުރަށް ހުތުރުވާ ގޮތަށް ކަމިންސް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމާ ބެހޭ ގޮތުން 2016 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ކުރިން، އީޔޫއިން ވަކިވުމަށް ކުރިއަށްގެންދިޔަ ކެމްޕޭނުގައި ކަމިންސް އިސް ދައުރެއް އަދާ ކުރެއްވި އެވެ. އަދި މިދިޔަ އަހަރުގެ އާއްމު އިންތިހާބު ކާމިޔާބު ކުރަން ޖޯންސަންއަށް ކަމިންސް އެހީތެރިވެވަޑައިގެންނެވި އެވެ. އެ ފަހަރު ކޮންޒަވޭޓިވް ޕާޓީން އާއްމު އިންތިހާބު ކާމިޔާބު ކުރީ 1987ގެ ފަހުން އެގައުމުގެ ޕާޓީއަކުން ހޯދި އެންމެ ގިނަ އަދަދެއްގެ ވޯޓާއެކުގަ އެވެ.
ކަމިންސް އިސްތިއުފާ ދެއްވާފައި ވަނީ ކޮވިޑް-19 އާއި ބްރެކްޒިޓާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރުގެ އެތެރޭގައި ކޯޅުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެގައުމުގެ ފުރަތަމަ ފުރަބަންދު ތެރޭގައި ކަމިންސް ކާރުގައި 418 ކިލޯމީޓަރުގެ ދިގު ދަތުރެއް ކުރައްވާ، އޭނާގެ އާއިލާގެ މެމްބަރުންތަކެއް ތިއްބެވި ގެޔަކަށް ވަޑައިގެންނެވިކަން ހާމަ ވުމުން އޭނާއަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވި ފަހުންނެވެ. އެ ހާދިސާއަށް ފަހު އިދިކޮޅު ޕާޓީތަކުން ވަނީ ކަމިންސް އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ.
ނަމަވެސް ކަމިންސް ވިދާޅުވި ގޮތުގައި އޭނާ އެ ދަތުރު ކުރެއްވީ އޭނާގެ އަނބިކަނބަލުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ބެލެވި، އޭނާވެސް ވައިރަހަށް ޕޮޒިޓިވްވެދާނެތީ އެދެބޭފުޅުންގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅުގެ ސަލާމަތަށްޓަކަ އެވެ. އަދި އޭރު ބޮޑުވަޒީރު ޖޯންސަން ވެސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ.
ކޮންޒަވޭޓިވް އޮފިޝަލުން ވިދާޅުވި ގޮތުގައި ކަމިންސް އިސްތިއުފާ ދެއްވި ނަމަވެސް އަންނަ މަހުގެ މެދާ ޖެހެންދެން އޭނާ ގޭގައި ހުންނަވައިގެން މަސައްކަތް ކުރައްވާނެ އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 1.32 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 51،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެގައުމުން ދަނީ އަންނަ ޖެނުއަރީ މަހުގެ 31ގައި އީޔޫއިން ވަކިވާން ތައްޔާރުވަމުންނެވެ.