މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާ 31، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ބޮލީވުޑްގެ ފިލްމީ ތަރި ނީނާ ގުޕްތާގެ ހުރި ހަމައެކަނި ދަރިފުޅު މަސާބާ ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ހެރިޓެންސް އާރަށުގަ އެވެ. ރާއްޖެ އައުމަށްފަހު ރާއްޖޭގެ ފޮޓޯތަކެއް ވެސް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ.

ބައެއް ޚަބަރުތައް ބުނާގޮތުގައި މަސާބާ ޗުއްޓީ ހޭދަކުރަނީ އޭނާގެ ލޯބިވެރިޔާކަމަށް އަޑުފެތުރިފައިވާ ސަތްޔަދީޕް މިސްރާއާއެކުގައެވެ. އެމްޓީވީގެ ޓޮޮޕް މޮޑެލްގެ ޖަޖެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ މަސާބާ އަންނަނީ އޭނާގެ އަމިއްލަ ފެޝަން ބޭންޑް "ހައުސް އޮފް" ހިންގަމުންނެވެ.

ގިނަ މަޝްހޫރު ތަރިންތަކެއް މިވަގުތުވެސް ރާއްޖޭގައި ތިބިއިރު ބޮލީވުޑްގެ ގިނަ ތަރިންނަށް ވެސް އެންމެ މަގްބޫލު އެއް މަންޒިލަކީ ރާއްޖެއެވެ. މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ތަރިންގެ ތެރޭގައި ދިޝާ ޕާޓްނީ އަދި ޓައިގާ ޝްރޮފް ހިމެނެއެވެ. ބަތަލާ ކެޓްރީނާ ކެއިފް ޝޫޓިންއަކަށް ރާއްޖެ އައިސް އުޅޭއިރު ބަތަލާ ކާޖަލް އަގަރްވާލް ހަނީމޫން ހޭދަކުރަމުން އަންނަނީ ރާއްޖޭގައެވެ.