ބޭންކް އޮފް މޯލްޑިވްސްއިން އދ. ދިގުރަށުގައި ސެލްފް ސާވިސް އޭޓީއެމްއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

މި ހިދުމަތާއެކު އދ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން ލިބޭނެ އެވެ. އަދި ބީއެމްއެލްއިން އަންނަނީ މަހިބަދޫގައި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް މެދުކެނޑުމެއްނެތި އެ ބޭންކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދާދި ފަހުން ބީއެމްއެލް އިން ވަނީ އއ. އުކުޅަސް، ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައިވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ.