ޔަންގޮން (ނޮވެމްބަރު 13): މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީއިން އެގައުމުގެ އާއްމު އިންތިހާބު ކާމިޔާބުކޮށްފި އެވެ.

މިޔަންމާގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ މަތީގޭގެ 161 ގޮނޑިއަކަށާއި ތިރީގޭގެ 315 ގޮނޑިއަކަށް ވޯޓު ލާފައިވެ އެވެ. އޭގެ ތެރެއިން 64 ގޮނޑިއެއްގެ ނަތީޖާ އަދި ޔަގީންވެފައި ނުވި ނަމަވެސް، މިހާތަނަށް ގުނާފައިވާ ވޯޓުތަކުން އެންއެލްޑީއަށް 346 ގޮނޑި ލިބޭ ކަމަށް ރަސްމީ ނަތީޖާތަކުން ދައްކަ އެވެ.

މިޔަންމާގައި ސަރުކާރު އެކުލަވާލަން ބޭނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 322 ގޮނޑި އެވެ.

އެ އިންތިހާބުން މިހާތަނަށް ރިޕޯޓުކޮށްފައިވާ ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި މައި އިދިކޮޅު ޕާޓީ އަދި އަސްކަރިއްޔާގެ އެއްބާރުލުން ލިބޭ ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑެވެލޮޕްމެންޓް ޕާޓީ (ޔޫއެސްޑީޕީ)އަށް ލިބިފައި ވަނީ 24 ގޮނޑި އެވެ.

ޔޫއެސްޑީޕީއިން ވަނީ އެ ނަތީޖާ ބަލައިގަންނަން ދެކޮޅު ހަދާ، "މިނިވަން، ހަމަހަމަ، ވަކި ފަރާތަކަށް ނުޖެހޭ އަދި މިނިވަން އިންތިހާބެއް" ބާއްވަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ވޯޓުލާ މީހުންގެ ލިސްޓުގައި މައްސަލަތައް ހުރި ކަމަށާއި ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އަސްކަރިއްޔާއިން ދައްކާފައި ނުވެ އެވެ.

މިޔަންމާގެ ޑިމޮކްރަސީއަށް މަސައްކަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ އަންގް ސަން ސޫޗީގެ އެންއެލްޑީން 2015 ވަނަ އަހަރު ވެރިކަމަށް އައީ ޔޫއެސްޑީޕީ ބޮޑު ތަފާތަކުން ބަލި ކުރުމަށް ފަހުގަ އެވެ. އަދި އެގައުމުގައި 50 އަހަރު ވަންދެން އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހުގަ އެވެ.

ނަމަވެސް އަސްކަރިއްޔާގެ ވެރިކަމުގައި މިޔަންމާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހަކާ ގުޅިގެން ސޫޗީއަށް ރައީސް ކަމަށް ވަޑައިގަތެވޭ ގޮތެއް ނުވި އެވެ. އެ އިސްލާހުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ އެވެ. އަދި ސޫޗީގެ ދެ ދަރިންނަކީވެސް އިނގިރޭސި ރައްޔިތުން ކަމުން އޭނާއަށް ރައީސް ކަމަށް އިސްވެވޭ ގޮތެއް ނުވި އެވެ.

އެކަމާ ގުޅިގެން ސޫޗީއަށް އެގައުމުގެ ޑިފެކްޓޯ ލީޑަރުކަން ކުރެވޭ ގޮތަށް "ސްޓޭޓް ކައުންސިލަރ"ގެ ނަމުގައި މަގާމެއް އުފައްދާފައި އެ މަގާމަށް ސޫޗީ ވަނީ އައްޔަނުކޮށްފައެވެ.

ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ސޫޗީގެ ވެރިކަމުގައި ވެސް މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އޭނާއަށް ވަނީ ބައިނަލްއަގުވާމީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ.

އެގޮތުން އޮގަސްޓު 2017އިގައި މިޔަންމާގެ އަސްކަރިއްޔާއިން، ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހީން ސްޓޭޓުގައި ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ. އޭގެ ސަބަބަބުން އެތައް ހާސް ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ. އަދި އދ.އިން ވަނީ އެއީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.

މިޔަންމާއިން ބޭރުގައި ސޫޗީއަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އެގައުމުގައި އަދިވެސް އޭނާއަށް ތާއިދު އޮތްކަން މިފަހަރުގެ އިންތިހާބުން ވަނީ އެނގިގެން ގޮސްފަ އެވެ.