އިންޓެލިޖެންސް ފުލުހަކަށް ހެދިގެން މާލޭގެ ގެސްޓު ހައުސްއަކަށް ވަދެ އެތަނުގެ ބައެއް ތަކެތި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަޖީދީމަގު ފަރިވާ ސްޓޭ 3 ގެސްޓު ހައުސްއަށް މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސް އިން ކަމަށް ބުނެ އެތަނުގެ ތިން މުވައްޒަފަކު ކްލިޕް އަޅުވައި ވަނީ ބަނދެފައެވެ.

އަދި އެއަށްފަހު އެތަނުގެ ބައެއް ތަކެތި ފޭރިގެން ގޮސްފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްފައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.