ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދީފި އެވެ.

ފުލުހުން ބުދަ ދުވަހުގެ ރޭ ބުނެފައިވަނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެއަމަލު ހުއްޓުވާފައިވާ ކަމަށެވެ.

އެ މައްސަލާ ގުޅިގެން މާލެއިން، ކަނޑުމަތީގައި އޮތް ދޯންޏަކުން، އަދި ތ. ތިމަރަފުށިން މީހުން ހައްޔަރު ކުރި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ.

މިއަދު ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން، ހޯމް މިނިސްޓްރީއިން ކަނޑައަޅާތަނެއްގައި އެ މީހުންގެ ތެރެއިން 18 އަހަރުގެ މީހާ 5 ދުވަހަށް ބަންދު ކުރުމަށް، އަދި ބާކީ އެންމެން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ރާވަމުން ދިޔައީ ކޮން ކަހަލަ ޓެރަރިޒަމްގެ އަމަލެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ހަމަލާއަކީ ކުޑަކުދިންގެ ހަވީރަކަށް ދޭން އުޅުނު ހަމަލާއެއް ކަމަށް ބުނެ ފެތުރި ވާހަކައެއް ފުލުހުން ވަނީ މީގެ ކުރިން ދޮގުކޮށްފަ އެވެ.