ވޮޝިންޓަން (ނޮވެމްބަރު 13): އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި މަކަރު ހަދާ ކަމަށް ބުނެ ކުރާ ތުހުމަތުތައް އެގައުމުގެ އިލެކްޝަން އޮފިޝަލުން ދޮގުކޮށްފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެންކަން އެގައުމުގެ މީޑިއާތަކުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓުކޮށްފި އެވެ. ނަމަވެސް އެ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވާ، ވޯޓު އޮޅުވާލަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެ ތުހުމަތުތަކަށް ސީދާ ގޮތެއްގައި އިއްޔެ އިލެކްޝަން އޮފިޝަލުން ވަނީ ފުރަތަމަ ފަހަރަށް ރައްދު ދީފަ އެވެ. އެ ރައްދު ދީފައި ވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާއި ޔޫއެސް އިލެކްޝަން އެސިސްޓެންސް ކޮމިޝަނާއި، ސްޓޭޓް ފެންވަރުގައި އިންތިހާބުގެ ކަންތައްތައް ބަލަހައްޓާ އޮފިޝަލުން ހިމެނޭ އިލެކްޝަން އިންފްރާސްޓްރަކްޗާ ގަވަމެންޓް ކޯޑިނޭޓީން ކައުންސިލް (ޖީސީސީ)އިން ނެރުނު ބަޔާނެއްގަ އެވެ.

"މި ނޮވެމްބަރު ތިނެއްގެ އިންތިހާބަކީ އެމެރިކާގެ ތާރީހުގައިވެސް ސަލާމަތީ ކަންތައްތައް އެންމެ ވަރުގަދަކޮށް ބޭއްވި އިންތިހާބު. އެ އިންތިހާބުގެ ނަތީޖާ ކަނޑައެޅުމުގެ ކުރިން، މިހާރުވެސް މުޅި ގައުމުގައި އިލެކްޝަން އޮފިޝަލުން ދަނީ އިންތިހާބުގެ ހުރިހާ ކަމެއް އަލުން ބަލަމުން،" ޖީސީސީގެ ބަޔާނުގައިވެ އެވެ.

ޖީސީސީން އެ ބަޔާން ނެރުނީ، އެމެރިކާގެ 28 ސްޓޭޓެއްގައި ރައީސް ޓްރަމްޕަށް ދިން 2.7 މިލިއަން ވޯޓެއް އެގައުމުގެ ވޯޓިން ސޮފްޓްވެޔާއިން ޑިލިޓު ކުރި ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި ފަހުންނެވެ. ނަމަވެސް އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ރައީސް ހާމަ ނުކުރައްވަ އެވެ.

"އެއްވެސް ވޯޓިން ސިސްޓަމަކުން ވޯޓުތައް ގެއްލުވާލާ، ޑިލީޓު ކުރި ކަމުގެ ނުވަތަ ވޯޓު ބަދަލުކޮށް، ތަފާތު ގެނައިކަމުގެ އެއްވެސް ހެއްކެއް ނެތް،" ޖީސީސީން ފާހަގަ ކުރި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ހުރަސްކޮށް، ބައިޑެންއަށް މިހާތަނަށް 290 ވޯޓު ވަނީ ލިބިފަ އެވެ. އަދި ޓްރަމްޕަށް މިހާތަނަށް ލިބިފައި ވަނީ 217 އިލެކްޓޯރަލް ވޯޓެވެ.

މީގެ އިތުރުން ބައިޑެންއަށް ވަނީ ޓްރަމްޕަށް ވުރެ އިތުރަށް 5.3 މިލިއަން ވޯޓު ލިބިފަ އެވެ.